އިޓަލީގެ ފަތުރުވެރިންތަކެއް ހޯދުމަށް އެމްއެންޑީއެފްއިން ހިންގަމުން އަންނަ ރެސްކިއު އޮޕަރޭޝަނެއްގެ ތެރޭގައި މިއަދު ފުރަތަމަ ފޭބީ 8 ޑައިވަރުންކަމަށާއި އެހެން އެންމެން މައްޗަށް އެރިއިރުވެސް ސާޖަންޓް ފަސްޓްކްލާސް މުހައްމަދު މަހުދީ މައްޗަށް ނާރާ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

މި ހާދިސާއާ ގުޅޭގޮތުން ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ތަރުޖަމާނު ވިދާޅުވީ މިއަދު ކުރިއަށްދިޔަ ރެސްކިއު އޮޕަރޭޝަނުގައި ޖުމްލަ އަށް ޑައިވަރުން މޫދަށް ފޭބި ކަމަށެވެ. ނަމަވެސް، ޑައިވަރުން މައްޗަށް އެރިއިރު އޭގެ ތެރޭގައި މަހުދީ ނެތްކަން ފާހަގަކުރެވުމުން އެހެން ޑައިވަރުން ވަގުތުން މޫދަށް ފައިބައި އޭނާ ހޯދުމުގެ މަސައްކަތް ފެށިކަމަށެވެ.

އިތުރަށް ތަރުޖަމާނު ވިދާޅުވީ މަހުދީ ފެނުނުއިރު އޮތީ ހަބަރު ހުސްވެފައިކަމަށެވެ. އަދި މެންދުރުފަހު މަހުދީ މާލެ ގެނެސް، އޭޑީކޭއަށް އަވަސް ފަރުވާއަށް ގެންދިޔަ ނަމަވެސް އިރުކޮޅެއްފަހު އޭނާ ނިޔާވެފައިވާކަމަށް ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.

މި ހާދިސާއާ ގުޅިގެން އިޓަލީގެ ހާރިޖީ ވަޒީރު އެންޓޯނިއޯ ތަޖާނީ ފޮނުވި ތައުޒިޔާގެ މެސެޖުގައިވަނީ އިޓަލީގެ ރައްޔިތުންގެ ހަށިގަނޑުތައް ހޯދުމަށް ކުރި މަސައްކަތުގައި ދިވެހި ސިފައިންގެ ހިތްވަރުގަދަ ސިފައިންގެ މީހަކު މަރުވުމަކީ އިޓަލީއަށް ލިބުނު އިތުރު ހިތާމައެއް ކަމަށެވެ. އަދި މި ހާދިސާގެ ސަބަބުން އިޓަލީ އާއި ދިވެހިރާއްޖެ އަށް ލިބުނު ހިތާމައިގައި ބައިވެރިވާ ކަމަށެވެ.