ވ. އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު ފަސް ޑައިވަރުންގެ ތެރެއިން އަދިވެސް ހޯދަމުންދާ ހަތަރު ޑައިވަރުން ވީކަމަށް ބެލެވެނީ ގާތްގަނޑަކަށް 200 ފޫޓު ދިގު ކޭވްއެއްގެ ތެރޭގައިކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފް އިން ބުނީ މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓާ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިއަދު މެންދުރުފަހު 13:45 ހާއިރުކަމަށެވެ. ރިޕޯޓް ލިބުމާއެކު، އެމްއެންޑީއެފުން ވަނީ ކަނޑާއި ވައިގެ މަގުން އެ މީހުން ހޯދުމުގެ ފުޅާ އޮޕަރޭޝަނެއް ފަށާފައެވެ. މި މަސައްކަތުގައި ސަފާރީއާއި، ވ. އަތޮޅު ޕޮލިސް ސްޓޭޝަނުގެ އިތުރުން އަލިމަތާ ރިސޯޓުގެ އެހީތެރިކަން ލިބިފައިވާކަމަސް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.
އެމްއެންޑީއެފް އިން މައުލޫމާތު ދިން ގޮތުގައި ގެއްލުނު މީހުންގެ ތެރެއިން އެކެއްގެ ހަށިގަނޑު ފެނިފައިވަނީ މި ހޯދުމުގެ މަސައްކަތުގައި ބައިވެރިވި ސަފާރީގެ ޑައިވަރުންނަށް، މިއަދު އިރުއޮއްސި 18:13 ހާއިރު މޫދު އަޑިންނެވެ. އެ މީހާގެ ހަށިގަނޑު މިހާރު ވަނީ ވ. ފުލިދޫ ހެލްތު ސެންޓަރަށް ގެންގޮސްފައެވެ.
އެމްއެންޑީއެފުން ހާމަކުރި ގޮތުގައި، މި މީހާގެ ހަށިގަނޑު ފެނިފައިވަނީ ގާތްގަނޑަކަށް 60 މީޓަރުގެ އަޑިން، ބޮޑު ކޭވްއެއްގެ ތެރެއިންނެވެ. ބާކީ ތިބި ހަތަރު ޑައިވަރުން ވެސް ވީކަމަށް ލަފާކުރެވެނީ ދިގުމިނުގައި 200 އެއްހާ ފޫޓު ހުރި މި ކޭވްގެ ތެރޭގައިކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.
މި އޮޕަރޭޝަނަކީ ނުރައްކާތެރި "ހައި ރިސްކް" އޮޕަރޭޝަނަކަށް ވުމާއެކު، އެމްއެންޑީއެފް ކޯސްޓްގާޑުގެ އިތުރު ޑައިވަރުންނާއި ބޭނުންވާ ހާއްސަ ސާމާނު މިހާރު ވަނީ އެ ސަރަހައްދަށް ފޮނުވާފައެވެ. އަދި މި މަސައްކަތް ނިމެންދެން އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް "ގާޒީ" އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުން ދާނެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
