މިހާރަކަށް އައިސް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި، ހާއްސަކޮށް ޓިކްޓޮކް އަދި ޓެލެގްރާމް މެދުވެރިކޮށް، އަމިއްލަ ފަރާތްތަކުގެ ބޭންކް އެކައުންޓްތައް ކުއްޔަށް ނުވަތަ އެކައުންޓްގެ ކޮންޓްރޯލް ދިނުމުން އުޖޫރައެއް ނުވަތަ ދުވަހު މުސާރައެއް ދޭނެކަމަށް ބުނެ ކުރާ އިޝްތިހާރުތައް އިތުރުވަމުންދާކަން ފުލުހުން ފާހަގަކޮށްފިއެވެ.
މިއަދު ފުލުހުން އާންމުކުރި ބަޔާނެއްގައި ވަނީ، މިފަދަ އަމަލުތަކަކީ ޖިނާއީ ބޮޑެތި ކުށްތަކަށް މަގުފަހިވާ، އަދި އޭގެ ސަބަބުން ގާނޫނީގޮތުންނާއި މާލީގޮތުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެ ކަންކަން ކަމުގައިވާތީ، އާންމު ރައްޔިތުން މިކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. ފަސޭހައިން ފައިސާ ލިބޭނެކަމަށް ބުނެ އޮޅުވާލައިގެން ހިންގާ މިފަދަ ސްކޭމްތަކުގެ ޝިކާރައަކަށް ގިނަ ބަޔަކު ވަމުންދާކަން ކަމާބެހޭ އިދާރާތަކުން ވަނީ ކަންބޮޑުވުމާއެކު ފާހަގަކޮށްފައެވެ.
މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު (ގާނޫނު ނަންބަރު 10/2014) ގެ ދަށުން، ކޮންމެ ބޭންކް އެކައުންޓަކީ އެ އެކައުންޓެއް ރަޖިސްޓްރީކޮށްފައިވާ ފަރާތުގެ އަމިއްލަ ބޭނުމަށް އެކަނި ބޭނުންކުރަންޖެހޭ އެކައުންޓެއް ކަމަށް ފުލުހުން ބުނެއެވެ. އެކައުންޓެއް މެދުވެރިކޮށް ހިންގާ ހުރިހާ މުއާމަލާތަކީ އެކައުންޓުގެ ވެރިފަރާތުގެ ފުރިހަމަ ބާރާއި ކޮންޓްރޯލްގެ ދަށުން ހިނގާ މުއާމަލާތްތަކަކަށް ވާންޖެހެއެވެ. އެކައުންޓް އެހެން ފަރާތަކަށް ބޭނުންކުރަން ދިނުމަކީ މަނީ ލޯންޑްރިން ގާނޫނާއި ބޭންކިންގ އުސޫލުތަކާ ހިލާފު، މުއާމަލާތުގެ ހަގީގީ ވެރިފަރާތް ނުވަތަ ބެނެފިޝަލް އޯނަޝިޕް އޮޅުވާލުމަށް ހިންގޭ ޖިނާއީ އަމަލެކެވެ.
އަމިއްލަ އެކައުންޓް އެހެން ފަރާތަކަށް ބޭނުންކުރަން ދިނުމަކީ މަނީ މިއުލް އެއްގެ ގޮތުގައި ކުށްކޮށްގެން ހޯދާ ފައިސާ ދައުރުކުރުމުގައި ބައިވެރިވުމެވެ. މިފަދަ އެކައުންޓެއް މެދުވެރިކޮށް ގާނޫނާ ހިލާފު މުއާމަލާތެއް ހިންގައިފިނަމަ، އެއީ ކާކުކަން ނޭނގޭ ފަރާތަކުން ކުރި ކަމެއްކަމަށް ބުނެ ޒިންމާއިން ބަރީއައެއް ނުވެވޭނެއެވެ. ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން، މިފަދަ އަމަލުތަކަކީ ހަރުކަށި އަދަބު ކަނޑައެޅިފައިވާ ކުށްތަކެކެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގެ ބޭންކިންއާ ބެހޭ ގާނޫނު (ގާނޫނު ނަންބަރު 24/2010) އާއި ބޭންކްތަކުގެ އުސޫލުތަކުގެ ދަށުން، ޔޫޒަނޭމް، ޕާސްވޯޑް، ޕިން ނުވަތަ އޯޓީޕީ ފަދަ ސިއްރު މައުލޫމާތު އެހެން ފަރާތަކާ ހިއްސާކުރުމަކީ ބޭންކާއެކު ވެފައިވާ އެއްބަސްވުމާ ހިލާފުވުމުގެ އިތުރުން، ކަސްޓަމަރުގެ ފަރާތުން ވާ އިހުމާލެކެވެ. މީގެ ސަބަބުން މާލީ ގޮތުން ލިބޭ އެއްވެސް ގެއްލުމަކަށް ބޭންކުން ޒިންމާ ނުއުފުލާނެއެވެ. ޝައްކުކުރެވޭ ފަދަ މުއާމަލާތެއް ހިނގައިފިނަމަ، ބޭންކުން އެކައުންޓްތައް ފްރީޒްކުރެވިދާނެއެވެ. އަދި އެކައުންޓް ވެރިފަރާތަކީ މާލީ ނިޒާމަށް ނުރައްކާ އޮތް ފަރާތެއްގެ ގޮތުގައި ބެލެވި، މުސްތަގުބަލުގައި ރާއްޖޭގެ މާލީ އިދާރާއަކުން ހިދުމަތް ލިބުމަށް ހުރަސް އެޅުމުގެ ފުރުސަތު އޮންނާނެއެވެ.
ކުށްކުރާ ފަރާތްތަކުން އާންމު ރައްޔިތުންގެ އެކައުންޓްތައް ބޭނުންކުރަނީ މަކަރާއި ހީލަތުން ފޭރޭ ފައިސާ ދައުރުކޮށް، އެ ފައިސާގެ އަސްލު އޮޅުވާލުމަށް ކަމަށް ފުލުހުން ބުނެއެވެ. އެހެންކަމުން، ޝައްކުކުރެވޭ ފަދަ މުއާމަލާތްތަކުގެ މައުލޫމާތު، ކަމާބެހޭ ގާނޫނުތަކުގެ ދަށުން ފިޔަވަޅު އެޅުމަށްޓަކައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އާ ހިއްސާކުރަމުން ގެންދާނެކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
އެފަރާތެއްގެ ބޭންކް އެކައުންޓްގެ މައުލޫމާތު، ޕިން ނުވަތަ އޯޓީޕީ އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށާއި، ފަސޭހައިން ފައިސާ ލިބޭނެކަމަށް ބުނެ ސޯޝަލް މީޑިއާގައި ކުރާ މިފަދަ އިޝްތިހާރުތަކަށް އިޖާބަ ނުދިނުމަށް ފުލުހުން ވަނީ ތަކުރާރުކޮށް އެދިފައެވެ. އަދި މިފަދަ ކަންކަމަށް ހިތްވަރު ލިބޭ ފަދަ މައުލޫމާތު އެހެން މީހުންނާ ހިއްސާ ނުކުރުމަށްވެސް ވަނީ އިރުޝާދުދީފައެވެ. ޝައްކުކުރެވޭ ކަމެއް ފާހަގަކުރެވިއްޖެނަމަ، ލަސްނުކޮށް ނެޝަނަލް އިމަޖެންސީ ކޯލް ސެންޓަރު 911 އަށް ގުޅުމަށް ނުވަތަ 125 އަށް ގުޅައި އެކްޓެންޝަން 2020 ޖަހައި އެންޓި-ސްކޭމް ސެންޓަރަށް އެކަން ރިޕޯޓްކުރުމަށް ފުލުހުން ވަނީ އެދިފައެވެ. މިފަދަ ޖިނާއީ ކުށްތަކުގައި ބައިވެރިވާ ފަރާތްތަކާމެދު، ކަމާބެހޭ މާލީ އިދާރާތަކާ ގުޅިގެން ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެއެވެ.
