ސައިތަ ނުވަތަ ކޮފީތަ؟ މިއީ ޒަމާންވީ ބަހުސެކެވެ. ރަނގަޅީ ސައި ހެއްޔެވެ؟ ނުވަތަ ކޮފީ ހެއްޔެވެ؟ ކޮންމެ ބަޔަކުވެސް އެމީހުންގެ ކޮޅު ވަރުގަދަކުރުމަށް ތަފާތު ހެކިތަކާއި ވާހަކަތައް ދައްކައެވެ. ނަމަވެސް، ގިނަ ހޯދުންތަކަކުން ދައްކާ ގޮތުގައި ކޮފީއަށްވުރެ ސައިގެ ފައިދާ މާ ބޮޑެވެ.
ސަޔަކީ ކޮފީއަށްވުރެ މާ ދިގު ތާރީހެއް އޮތް އެއްޗެކެވެ. ކޮފީގެ ތާރީހަކީ 800 އަހަރު ކަމަށްވިޔަސް، ސައިގެ ތާރީހު 5,000 އަހަރަށްވުރެ ދިގެވެ. އޭޝިއާގެ ގައުމުތަކުން ފެށިގެން ތުރުކީއާ ހަމައަށް، ސަޔަކީ އެކި ސަގާފަތްތަކުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. ސައިގައި ތަފާތު އެތައް ރަހަތަކެއް ހުރެއެވެ. އޭގެ ތެރޭގައި ކޮތަނބިރި ސައި، މިންޓް ސައި، އާފަލު ސައި އަދި މި ނޫންވެސް އެތައް ރަހައެއް ހިމެނެއެވެ. މިއިން ކޮންމެ ބާވަތަކީވެސް އޭގެ ޒާތުގައި ސިއްހީ ފައިދާ އެކުލެވިގެންވާ އެއްޗެކެވެ.
ކޮފީއާއި ސަޔަކީވެސް ހަށިގަނޑު ހޭލައްވާލާ ސިކުނޑި ތާޒާކޮށްދޭ ދެ ބުއިމެވެ. އާންމުކޮށް މީހުން ހެނދުނު ކޮފީ ބޯ ސަބަބަކީ އޭގައި ކެފެއިން ގިނަވުމެވެ. ސައިތަށްޓެއްގައި ހުންނަނީ ކޮފީ ތަށްޓެއްގެ ދެބައިކުޅަ އެއްބައި ކެފެއިންނެވެ. ނަމަވެސް، ސައިގެ އެންމެ ބޮޑު ފައިދާއަކީ ނިދުމަށް ހުރަސްނޭޅުމެވެ. ދުވާލު ގިނައިން ކޮފީ ބޮއެފިނަމަ ރޭގަނޑު ނިދަން އުނދަގޫވެދާނެއެވެ. އެކަމަކު ދުވާލު ހަތަރުދަމު ސައި ބުއި ނަމަވެސް، އަރާމު ނިންޖަކުން ނިދާލުމަށް މާ ބޮޑު ހުރަހެއް ކުރިމަތިނުވާ ކަމަށް ދިރާސާތަކުން ދައްކައެވެ.
ކޮފީ ބޯ މީހުންނާ އަޅާބަލާއިރު، ސައި ބޯ މީހުންގެ ދިރިއުޅުމުގެ އާދަކާދަތައް ދުޅަހެޔޮކަމަށް ދިރާސާއަކުން ދައްކައެވެ. އުމުރުން 25 އަހަރާއި 64 އަހަރާ ދެމެދުގެ 2,400 މީހުން ބައިވެރިކޮށްގެން ހެދި ދިރާސާއަކުން އެނގުނު ގޮތުގައި، ކޮފީ ބޯ މީހުންނަކީ ސަރުބީ ގިނަ ކާނާ ކެއުމާ، ދުންފަތުގެ އިސްތިއުމާލުކުރުމާ، ފޮނި ބުއިންތައް ބުއިމަށް އާދެވާ ބަޔެކެވެ. ނަމަވެސް، ގަވައިދުން ސައި ބޯ މީހުން ގިނައިން މޭވާ ކެއުމަށާ، ފެން ބުއިމަށާ، އަދި ހަށިގަނޑަށް ފައިދާހުރި ކަސްރަތުތައް ކުރުމަށް އިސްކަންދެއެވެ. އެހެންކަމުން ސައި ބުއިމަކީ ހިތުގެ ބަލިތަކުން ދުރުކޮށްދޭ ދިރިއުޅުމުގެ ރަނގަޅު އާދަތަކަށް މަގު ފަހިވެގެންދާ ފަދަ ބުއިމެކެވެ.
ސައިގެ މައިގަނޑު ބާވަތްތަކުގައި (ކިރު ސައި، ކަޅު ސައި، ގްރީން ޓީ)ގައި ހަށިގަނޑަށް ފައިދާހުރި މާއްދާތައް އެކުލެވިގެންވެއެވެ. މިސާލަކަށް، 'ގްރީން ޓީ' ބުއިމަކީ ހަކުރު ބައްޔާއި، ހަމުގެ ބަލިތަކަށް ފަރުވާއަކަށްވުމުގެ އިތުރުން ބަރުދަން ލުއިކުރުމަށްވެސް އެހީތެރިވެދޭ ކަމެކެވެ. ގްރީން ޓީގައި ހިމެނޭ އަމިނޯ އެސިޑްތަކުގެ ސަބަބުން ކުއްލިއަކަށް ކުރިމަތިވާ ހާސްކަމާއި ނުތަނަވަސްކަން ކުޑަކޮށްދޭ ކަމަށް ފަހުގެ ހޯދުންތަކުން ވަނީ އެގިފައެވެ. މީގެ އިތުރުން ސައިފަތުގެ ތަފާތު ބާވަތްތަކަކީ ކެންސަރުގެ ނުރައްކާ ކުޑަކުރުމަށާ، ފުރަމޭގެ ދުޅަހެޔޮކަމަށްވެސް އެހީތެރިވެދޭ އެއްޗެކެވެ.
ޔުނިވާސިޓީ ކޮލެޖް ލަންޑަން (ޔޫސީއެލް) އިން ހަދާފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި، ކަޅުސައި ބުއިމަކީ ދިރިއުޅުމުގެ ކޮންމެ ދުވަހެއްގެ ސްޓްރެސްއިން އަވަހަށް ސަލާމަތްވުމަށް އެހީތެރިވެދޭނެ ކަމެކެވެ. ސައިކޮލޮޖީ އަދި އެޕިޑެމިއޮލޮޖީގެ ޕްރޮފެސަރު އެންޑްރޫ ސްޓެޕްޓޯ ވިދާޅުވީ މިކަން ދިމާވަނީ ސައިގައި ހިމެނޭ ކޮން މާއްދާއެއްގެ ސަބަބުންކަން އަދި ސީދާ އެނގެން ނެތްކަމަށެވެ.
ކޮފީގެ ސަބަބުން ސްޓްރެސްއަށް ކުރާ އަސަރުތަކާ ބެހޭގޮތުން ހެދިފައިވާ ދިރާސާތައް މަދެވެ. ނަމަވެސް، ގިނަ މިންވަރަކަށް ކެފެއިން (400 މިލިގްރާމަށް ވުރެ ގިނައިން) ބޭނުންކުރުމަކީ ހާސްކަން އިތުރުވުމުގެ ފުރުސަތު އޮތް ކަމެއްކަމަށް ދިރާސާތަކުން ދައްކައެވެ. އެންއެޗްއެސް އިން އިރުޝާދު ދޭގޮތުގައި، ކެފެއިންގެ ސަބަބުން ނިދުމަށް ހުރަސްއެޅި، ހާސްކަން ކޮންޓްރޯލް ކުރުމަށް އުނދަގޫވެއެވެ. އެހެންކަމުން، ހަމަޖެހިލަން ބޭނުންވާ ނަމަ އެންމެ ރަނގަޅީ 'ޑީކެފް' (ކެފެއިން ނުހިމެނޭ) ބުއިމެއް އިހްތިޔާރު ކުރުމެވެ.
ތަފާތު ރަހަތަކާއި، ދުޅަހެޔޮ އާދަކާދަތަކަށް މަގުފަހިކޮށްދިނުމާ، ނިދުމަށް އުނދަގޫ ނުވެ ހަށިގަނޑަށް ބޭނުންވާ ހަކަތަ ފޯރުކޮށްދިނުމަކީ ސައިގެ ވަރަށް ބޮޑު ފައިދާއެކެވެ. އެހެންކަމުން، ދެން ފަހަރަކުން ބޯނެ އެއްޗަކާ މެދު ވިސްނާލާއިރު، ސައިތަށްޓެއް އިހްތިޔާރުކުރާށެވެ.
