އެމްޑީޕީގެ މައްޗަށް ދަޢުވާކޮށް ސިވިލް ކޯޓަށް މިއަދު ހުށަހެޅި މައްސަލައަކީ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިންގެ ފަރާތުން ހުށަހެޅި މައްސަލައެއް ނޫންކަމަށް ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް އެމްޑީޕީން ކަނޑައަޅާފައިވާ އިސް ތަރުޖަމާން އަބްދުﷲ ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވައްޑެ ވިދާޅުވީ އެމްޑީޕީއަށް ދައުވާކޮށް މިއަދު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކީ ނަޝީދުގެ ކެމްޕެއިންގެ ފަރާތުން ހުށަހެޅި މައްސަލައެއް ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއްކަމަށާއި، އެބާވަތަށް ދޮގު ހަބަރު ފެތުރުން ކުށްވެރިކުރާކަމަށެވެ.
ވައްޑެ ވިދާޅުވީ މިފަދަ ދޮގު ވާހަކަ ފެތުރުމަކީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކަށް އޮންނަ އިތުބާރު ގެއްލޭނެ ކަމެއްކަމަށާއި އަދި އެތެރޭގެ މަސްލަހަތަށް ހިޔަނި އެޅޭނެކަމެއް ކަމަށެވެ. އިތުރަށް ވައްޑެ ވިދާޅުވީ މި ކެމްޕޭނުގެ ފަރާތުން އެދެނީ ވީހާވެސް އަވަހަށް ވޯޓުލުމުގެ ފުރުސަތު ޕާޓީގެ އާންމު މެންބަރުންނަށް ލިބުންކަމަށެވެ.
އަދި ނަޝީދުގެ ކެމްޕޭނުގެ ފަރާތުން ހިންގާ ހަރަކާތްތަކާ ނިންމާ ނިންމުންތަކުގެ އިތުރުން އަޅާ ފިޔަވަޅުތައް ގަވައިދުން ހާމަކުރަމުން ގެންދާނެކަމަށްވެސް ވައްޑެ ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން މި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ އަމިއްލަ ހައިސިއްޔަތުން ގާނޫނީ ވަކީލު އުސްތާޒު އަބްދުﷲ ޝާއިރު ކަމަށާއި، އެ މައްސަލަ ބިނާވެފައިވަނީ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުގެ ރައީސްގެ އެއްވެސް އިރުޝާދެއް ނުވަތަ އެންގުމެއް ނެތި، އިންތިހާބާ ބެހޭ ކޮމިޓީން އަމިއްލަ ގޮތްތަކެއް ނިންމާ އިންތިހާބު އިންތިޒާމުކުރަމުން ދިއުމާކަމަށްވެސް ވަނީ ބުނެފައެވެ.
އަދި މި މައްސަލައަކީ ޕާޓީގެ ލީޑާޝިޕާއި އިންތިހާބާ ބެހޭ ކޮމިޓީން އެމްޑީޕީގެ އަސާސީ ގަވައިދަށް ފުރިހަމައަށް އަމަލުކުރުމަށް އަމުރުކޮށްދިނުމަށް އެދި ޝާއިރު ހުށަހަޅާފައިވާ މައްސަލައެއްކަމަށް ވެސް ވަނީ ބުނެފައެވެ.
