އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ)ގެ 30 ވަނަ ބައްދަލުވުން މި މަހު ދިވެހިރާއްޖޭގައި ބޭއްވުމަށް ނިންމައިފިއެވެ.
އައިއޯޓީސީއަކީ އިންޑިއާ ކަނޑުގެ ކަނޑުމަހުގެ ބާވަތްތަކާ އެއާ ގުޅުންހުރި ދިރުންތައް ރައްކާތެރިކޮށް ދެމެހެއްޓެނިވި އުސޫލުތަކުގެދަށުން އެ ވަސީލަތްތައް ބެލެހެއްޓުމުގެ ޒިންމާ އުފުލާ ސަރަހައްދީ މަސްވެރިކަމުގެ އިދާރާއެވެ.
އައިއޯޓީސީއިން ނިންމާ ނިންމުންތަކުގެ ތެރޭގައި މި ސަރަހައްދުގެ ކަނޑުމަހުގެ ވަސީލަތްތައް ހަރުދަނާކަމާއެކު ބެލެހެއްޓުމުގެ ފިޔަވަޅުތަކާއ،ި މަސްބޭނޭނެ މިންގަނޑުތައް ކަނޑައެޅުމާ އިލްމީ ދިރާސާތައް ކުރިއަށްގެންދިއުމުގައި އަމަލުކުރާނެ އުސޫލުތައް ހިމެނެއެވެ.
މި ބައްދަލުވުމާ ގުޅިގެން ފިޝަރީޒް މިނިސްޓްރީން ބުނީ މި ބައްދަލުވުން ރާއްޖޭގައި ބޭއްވުމަށް ނިންމުމަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށާއި ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއިން އަދާކުރާ ދައުރު އިތުރަށް ހަރުދަނާކުރުމަށް ލިބިގެންދާ މުހިންމު ފުރުސަތެއްކަމަށާ އަދި ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށްވެސް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަމަށެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހު 4 އިން 15 އަށް ބާސެލޯ ނަސަންދުރައިގައި ކަމަށެވެ. މި ބައްދަލުވުންތަކުގައިއިންޑިއާ ކަނޑުގެ ސަރަހައްދުގެ ގައުމުތަކާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން 200 އަށްވުރެ ގިނަ މަންދޫބުންނާއ،ި މަސްވެރިކަމުގެ ދާއިރާގެތަޖުރިބާކާރުންނާއި އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
އައިއޯޓީސީގެ މައި ބައްދަލުވުމުގެ އިތުރުން އައިއޯޓީސީގެ ދަށުން ހިންގާ މުހިންމު އެހެނިހެން ކޮމިޓީތަކުގެ ބައްދަލުވުންތައް ވެސް ރާއްޖޭގައި ބޭއްވުމަށް ތާވަލުކުރެވިފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ. އެގޮތުން:
- އައިއޯޓީސީގެ މްޕްލަޔަންސް ކޮމިޓީގެ 23 ވަނަ ބައްދަލުވުން
- އައިއޯޓީސީގެ އިދާރީ އަދި މާލީ ކަންކަމާ ބެހޭ ކޮމިޓީގެ 23 ވަނަ ބައްދަލުވުން
- އައިއޯޓީސީގެ މެނޭޖްމަންޓް ޕްރޮސީޖާސްއާ ބެހޭ ޓެކްނިކަލް ކޮމިޓީގެ 10 ވަނަ ބައްދަލުވުން
މިއީ އައިއޯޓީސީގެ ކޮމިޝަން ބައްދަލުވުމެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރަށްވާއިރު ފިޝަރީޒް މިނިސްޓްރީން ބުނީ މި ފަދަ މުހިންމު ބައްދަލުވުމެއް ރާއްޖޭގައި ބާއްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވުމުން މަސްެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ދޭ އަހައްމިއްޔަތު ހާމަވެގެންދާ ކަމަށެވެ.
