ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން 2025 ވަނަ އަހަރުގެ ފައިދާއިން ހިއްސާދާރުންނަށް ބަހާނެ ފައިސާގެ މިންވަރު ކަނޑައަޅައި، އެކަން އިއުލާނުކޮށްފިއެވެ.

އެސްޓީއޯގެ ބޯޑު އޮފް ޑިރެކްޓަރުން ނިންމާފައިވަނީ ހިއްސާއަކަށް 85 ރުފިޔާ ބެހުމަށް ހުށަހެޅުމަށެވެ.

މިއީ ފަހުގެ ތާރީހެއްގައި އެސްޓީއޯއިން ހިއްސާދާރުންނަށް ބެހުމަށް ކަނޑައެޅި އެންމެ ބޮޑު އަދަދެވެ. މި ހުށަހެޅުމަކީ ކުންފުނީގެ މާލީ ހާލަތު ވަރުގަދަވެ، ލިބުނު ކުރިއެރުންތަކާއެކު ހިއްސާދާރުންނަށް ލިބޭ މަންފާ އިތުރުކުރުމުގެ މަގުސަދުގައި ނިންމާފައިވާ ނިންމުމެކެވެ.

އެސްޓީއޯއިން މައުލޫމާތު ދޭ ގޮތުގައި، ބޯޑުން ހުށަހަޅާފައިވާ މި ތާރީހީ އަދަދު ފާސްކުރުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައެވެ. މި ޖަލްސާގައި ހިއްސާދާރުންގެ އަޣުލަބިއްޔަތުން މި ހުށަހެޅުން ފާސްވުމުން، ހިއްސާދާރުންނަށް ފައިދާ ބަހަން ފަށާނެއެވެ.

ސަރުކާރުގެ މައި ވިޔަފާރި ކުންފުނި، އެސްޓީއޯއަކީ ރާއްޖޭގެ އިގްތިސާދުގައި މުހިންމު ދައުރެއް އަދާކުރާ ކުންފުންޏަކަށްވާއިރު، ކުންފުނީގެ ފައިދާ ހިއްސާދާރުންނަށް މިފަދަ ބޮޑު އަދަދަކުން ބެހުމަށް ނިންމުމަކީ އިންވެސްޓަރުންގެ އިތުބާރު ކުންފުންޏަށް އިތުރުވެގެންދާނެ ކަމެކެވެ.

އެސްޓީއޯއަށް މި އަހަރުގެ ފުރަތަމަ ކުއާޓާގެ ޖުމްލަ އާމްދަނީގެ ގޮތުގައި 5.5 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ 4 ވަނަ ކުއާޓާއާ އަޅާ ބަލާއިރު 33 އިންސައްތައިގެ އިތުރުވުމެކެވެ.