ދިވެހިރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން ކޯޕަރޭޓް ގަވަނަންސް އުސޫލުތަކަށް އެންމެ ފުރިހަމައަށް އަމަލުކުރި ކުންފުންޏަކަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ހޮވިއްޖެއެވެ.
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ނެރުނު "ކޯޕަރޭޓް ގަވަނަންސް ރިވިއު 2025" ގައިވާ ގޮތުން، އެސްޓީއޯ އިން ވަނީ 97.5 ޕަސެންޓްގެ ކޮމްޕްލަޔަންސް ރޭޓެއް ހާސިލުކޮށްފައެވެ. މިއީ މި އެސެސްމަންޓުގައި ބައިވެރިވި ލިސްޓެޑް އަށް ކުންފުނީގެ މާކެޓް އެވްރެޖް ކަމަށްވާ 92.9 ޕަސެންޓަށް ވުރެ މަތީ އަދަދެކެވެ.
މި ރިވިއު ތައްޔާރުކޮށްފައި ވަނީ 2025 ވަނަ މާލީ އަހަރު ކުންފުނިތަކުން ނެރުނު އަހަރީ ރިޕޯޓުތަކާއި އޮޑިޓްކޮށްފައިވާ މާލީ ބަޔާންތަކުގެ މައްޗަށް ބިނާކޮށް، ސީއެމްޑީއޭގެ ކޯޕަރޭޓް ގަވަނަންސް ކޯޑަށް އަމަލުކޮށްފައިވާ މިންވަރު ދެނެގަތުމަށެވެ.
އެސްޓީއޯ އިން މި ކާމިޔާބީ ހޯދުމުގައި ކުންފުނީގެ ޑިރެކްޓަރުން ތަމްރީނުކުރުމާއި، ހަރުދަނާ އިންޓާނަލް އޮޑިޓް ނިޒާމަކާއި، އޮޑިޓް ޕާޓްނަރުން ބަދަލުކުރުމާ ގުޅޭ މައުލޫމާތު ހާމަކުރުން މުހިންމު ދައުރެއް އަދާކުރި ކަމަށް ސީއެމްޑީއޭ އިން ފާހަގަކޮށްފައި ވެއެވެ. އެގޮތުން، ވޭތުވެދިޔަ އަހަރު ޑިރެކްޓަރުންގެ ތަމްރީނުތަކަށް 1.03 މިލިއަން ރުފިޔާ ހޭދަކޮށް، އަށް ޕްރޮގްރާމެއް ފުރިހަމަކޮށްފައިވާކަން އެ ކުންފުނިން ހާމަކޮށްފައިވެއެވެ.
މީގެ އިތުރުން، އެސްޓީއޯގެ ޗީފް އޮޑިޓް އެގްޒެކެޓިވް މަސައްކަތުގެ ގޮތުން ރިޕޯޓުކުރަނީ އޮޑިޓް އެންޑް ރިސްކް ކޮމިޓީގެ ޗެއާޕާސަނަށް ކަމަށްވެފައި، އިދާރީ ގޮތުން ރިޕޯޓުކުރަނީ މެނޭޖިން ޑިރެކްޓަރަށް ކަމަށްވާތީ، އޮޑިޓް މަސައްކަތުގެ މިނިވަންކަން ގެއްލުނަނުދީ އޮޕަރޭޝަނަލް ކަންކަން ފަސޭހަކަމާއެކު ހިންގުމަށް މަގުފަހިވާ ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައި ވެއެވެ.
އަދި ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ދެމެހެއްޓެނިވި ތަރައްގީއާ ގުޅޭ މައުލޫމާތު ހާމަކުރި ދެ ކުންފުނީގެ ތެރޭގައި ވެސް އެސްޓީއޯ ހިމެނެއެވެ. މިއީ 2026 ވަނަ އަހަރު އަމަލުކުރަން ފަށާ 'މޯލްޑިވްސް ސަސްޓެއިނަބިލިޓީ ރިޕޯޓިން ފްރޭމްވޯކް' އަށް އެސްޓީއޯ އިން ފުރިހަމައަށް ތައްޔާރުވަމުން އަންނަކަން އަންގައިދޭ ކަމެކެވެ.
އެސްޓީއޯ އިން ރަނގަޅު ނަތީޖާއެއް ހޯދި ނަމަވެސް، އިތުރަށް ރަނގަޅުކުރަންޖެހޭ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ، އޮޑިޓް ކޮމިޓީގައި އެކައުންޓިން ނުވަތަ މާލީ ދާއިރާގެ ތަޖުރިބާ ހުރި މަދުވެގެން ދެ މެންބަރުން ތިބެންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ މާއްދާ ފުރިހަމަ ނުވުމެވެ. މި މިންގަނޑު ފުރިހަމަ ނުކުރެވޭ ތިން ކުންފުނީގެ ތެރޭގައި އެސްޓީއޯ ހިމެނެއެވެ.
މުޅި ބާޒާރަށް ބަލާއިރު، ކުންފުނިތަކުގެ ޖުމްލަ ކޮމްޕްލަޔަންސް ރޭޓު ވަނީ 2023 ގެ 86 ޕަސެންޓާއި 2024 ގެ 88 ޕަސެންޓާ އަޅާބަލާއިރު 92.9 ޕަސެންޓަށް މަތިވެފައެވެ. ނަމަވެސް އެސެސްމަންޓުގައި ހިމެނުނު ކުންފުނިތަކުގެ އަދަދު މަދުވުމުން، އަހަރުން އަހަރަށް އަޅާކިޔުމުގައި މިކަމަށް ވިސްނަންޖެހޭނެ ކަމަށް ސީއެމްޑީއޭ އިން ބުނެފައިވެއެވެ. އަދި ބާޒާރުގެ އެންމެ ދަށް ކޮމްޕްލަޔަންސް ރޭޓެއް، 86.8 ޕަސެންޓް ފެނިފައިވަނީ އޮޑިޓް އަދި އިންޓާނަލް ކޮންޓްރޯލް ދާއިރާއިންނެވެ.
ސީއެމްޑީއޭ އިން ހާމަކުރި ގޮތުގައި މި ރިވިއުގެ މައިގަނޑު މަގްސަދަކީ ކުންފުނިތަކުގެ ދެފުށްފެންނަ މިންވަރާއި، ޒިންމާދާރުކަން އަދި އިންވެސްޓަރުންގެ އިތުބާރު ބޮޑުކޮށް، ހަމައެކަނި ގަވާއިދުތަކަށް އަމަލުކުރުމުގެ ބަދަލުގައި ހިންގުމުގެ ނިޒާމު ހަރުދަނާކޮށް އޭގެ ނަތީޖާ ސާފުކޮށް ހާމަކުރުމަށް ކުންފުނިތަކަށް ބާރުއެޅުމެވެ.
