މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)އިން 2.3 މިލިއަނަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދީފިއެވެ.
ވެލާނާ އެއާޕޯޓުން މިއަދު އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ފުރަތަމަ ތިން މަހު ޖުމްލަ 2.35 މިލިއަން ފަތުރުވެރިންނަށް ވަނީ ހިދުމަތް ދީފައެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 4 އިންސައްތައިގެ ކުރިއެރުމެކެވެ.
އޭގެ ތެރޭގައި 1.53 މިލިއަން ފަސިންޖަރުންނަކީ ބައިނަލްއަގްވާމީ ދަތުރުތައް ކުރި ފަރާތްތަކެވެ. އަދި 317،286 ފަސިންޖަރުންނަކީ ޑޮމެސްޓިކް ދަތުރުތައް ކުރި ފަރާތްތައް ކަމަށްވާއިރު 498،411 ފަސިންޖަރުންނަށް ހިދުމަތް ދީފައި ވަނީ ސީޕްލޭނުން ދަތުރުކުރި ފަރާތްތަކަށެވެ.
ހަމަ އެހެންމެ މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަސިންޖަރުން އެއްދުވަހެއްގެ ތެރޭގައި އެއާޕޯޓު ބޭނުންކޮށްފައިވަނީ ޖެނުއަރީ 11 ވަނަ ދުވަހުއެވެ. އެދުވަހު 28،360 ފަސިންޖަރުން ވަނީ އެއާޕޯޓުގެ ހިދުމަތް ހޯދާފައެވެ. އަދި ސީޕްލޭން ޓާމިނަލުން އެންމެ ގިނަ އަދަދެއްގެ ފަސިންޖަރުން ދަތުރުކޮށްފައިވަނީ ފެބްރުއަރީ 15 ވަނަ ދުވަހުއެވެ. އެދުވަހު 9،351 ފަސިންޖަރުން ދަތުރުކޮށްފައިވެއެވެ.
މީގެއިތުރުން، އެއާ ޓްރެފިކް މޫވްމަންޓްސްވެސް ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 5 އިންސައްތަ އިތުރުވެފައެވެ.
މިގޮތުން މިއަހަރުގެ ފުރަތަމަ 3 މަސްދުވަހު 72،128 އެއާ ޓްރެފިކް މޫވްމަންޓްސް ރެކޯޑުކުރެވިފައިވާއިރު، މީގެ ތެރެއިން 9،978 އަކީ ބައިނަލްއަގްވާމީ ފްލައިޓްތަކުގެ މޫވްމަންޓްސްއެވެ. އަދި ސީޕްލޭންގެ 54،594 މޫވްމަންޓްސް ރެކޯޑުކޮށްފައިވާއިރު ޑޮމެސްޓިކްގެ 7،556 މޫވްމަންޓްސް ވެސް ވަނީ ރެކޯޑުކޮށްފައެވެ.
އަދި މިއަހަރުގެ މިހާތަނަށް އެންމެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އެމްއޭސީއެލް އިން ފާހަގަކޮށްފައި ވަނީ ގްރޭޓާ ބޭ އެއާލައިންސްގެ ޗާޓަރު ދަތުރުތައް ރާއްޖެ ފެށުމެވެ.
ގްރޭޓާ ބޭ އެއާލައިންސްގެ ޗާޓަރު ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ހޮންގްކޮންގް އިން ސީދާ މާލެއަށް، ކޮންމެ ދުވަހަކު އެއް ދަތުރެވެ. މި ދަތުރުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ބޮއިންގް 737 މެކްސްގެ ފްލައިޓެކެވެ. ގްރޭޓާ ބޭ އެއާލައިންސްއަކީ ހޮންގްކޮންގް އިން ސީދާ މާލެއަށް ދަތުރުތައް ފެށި ދެވަނަ އެއާލައިނެވެ.
