ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ވޯޓާ އެއިރޯޑްރޯމް ސަރަހައްދުގައި ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ ސީޕްލޭނެއް ޖެޓީގައި ޖެހި ހިނގާދިޔަ ހާދިސާގައި ކެބިން އެޓެންޑެންޓަކަށް އަނިޔާވެއްޖެއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް ސޭފްޓީ ބޯޑުން (އެމްޓީއެސްބީ) އިން ބުނީ މި ހާދިސާ ހިނގާފައިވަނީ 2026 ނޮވެމްބަރު 11 ވަނަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މި ސީޕްލޭން ފުރައިގެން ދާން އުޅުމުގެ ތެރޭގައި ޖެޓީގައި ޖެހިގެންކަމަށެވެ.

މި ހާދިސާއާ ގުޅިގެން، އެ ބޯޓުގެ ކެބިން އެޓެންޑެންޓަކަށް އަނިޔާ ލިބިފައިވާ ކަމަށާއި، މިހާރު އެ ފަރާތަށް ބޭނުންވާ ސިއްހީ ފަރުވާ ދެމުންދާ ކަމަށް އެ ބޯޑުން ބުނެއެވެ. މީގެ އިތުރުން މި ހާދިސާގައި އެހެން އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް ވަނީ ކަށަވަރުކޮށްދީފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ޓަކައި އެމްޓީއެސްބީއިން މިހާރު ތަހުގީގެއް ފަށާފައިވާކަމަށާއި، މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތުތައް ކަށަވަރުވަމުންދާ މިންވަރަކުން ހިއްސާކުރަމުންދާނެ ކަމަށް އެ ބޯޑުން ބުނެފައިވެއެވެ.

މި ހާދިސާއާ ގުޅިގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ، ހާދިސާ ހިނގުމާއެކު އެމްއޭސީއެލްގެ އެއާޕޯޓް އެމަޖެންސީ ސާވިސަސް (އޭއީއެސް) އިން ވަގުތުން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ. އަދި ހާދިސާއާ ގުޅިގެން ފޯރުކޮށްދޭން ޖެހޭ އެންމެހާ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށާއި، އަޅަންޖެހޭ ރައްކާތެރިކަމުގެ އެންމެހާ ފިޔަވަޅުތައް ވެސް މިހާރު އަޅާފައިވާ ކަމަށް އެ ކުންފުނިން ވަނީ ކަށަވަރުކޮށް ދީފައެވެ.

މިފަދަ ހާދިސާއެއް ހިނގި ނަމަވެސް، ވީއައިއޭ ވޯޓާ އެއިރޯޑްރޯމް މެދުވެރިކޮށް ދެމުން އަންނަ ހިދުމަތްތަކަށް އެއްވެސް ބުރޫއެއް ނާރާ ކަމަށާއި، އެއްވެސް މެދުކެނޑުމެއް ނެތި އާންމު އުސޫލުން ހިދުމަތްތައް ކުރިއަށްދާ ކަމަށް އެމްއޭސީއެލް އިން ހާމަކުރެއެވެ.