ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ޝަރަފުވެރި "ވޯލްޑް ޓްރެވަލް އެވޯޑްސް 2026" ގެ ދެ ކެޓަގަރީއަކުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ނޮމިނޭޓްވެއްޖެއެވެ.
ވީއައިއޭ ވަނީ "ވޯލްޑްސް ލީޑިން އެއާޕޯޓް 2026" އަދި "ވޯލްޑްސް ލީޑިން އެއާޕޯޓް – ކަސްޓަމާ އެކްސްޕީރިއަންސް 2026" ގެ ކެޓަގަރީއިން ނޮމިނޭޓްވެފައެވެ. މި ކެޓަގަރީތަކަށް ވީއައިއޭއަށް ވާދަކުރުމުގެ ފުރުސަތު ތަނަވަސްވެގެންދިޔައީ، 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖޭގައި ބޭއްވުނު ސަރަހައްދީ ވޯލްޑް ޓްރެވަލް އެވޯޑްސްގައި "އިންޑިއަން އޯޝަންސް ލީޑިން އެއާޕޯޓް 2026" ގެ ކާމިޔާބީ ވީއައިއޭއިން ހާސިލްކޮށްފައިވާތީކަމަށް އެމްއޭސީއެލްއިން ހާމަކޮށްފައިވެއެވެ. މިއީ ވީއައިއޭއިން ފޯރުކޮށްދެމުންދާ ހިދުމަތްތަކުގެ ފެންވަރަށް ދުނިޔޭގެ ފެންވަރުގައި ލިބުނު ބޮޑު ތަރުހީބެކެވެ.
"ވޯލްޑްސް ލީޑިން އެއާޕޯޓް 2026" ކެޓަގަރީގައި ވީއައިއޭއާއެކު ދުނިޔޭގެ ފެންވަރުގެ އެއާޕޯޓުތަކެއް ކަމަށްވާ ސިންގަޕޫރުގެ ޗާންގީ އެއާޕޯޓާއި، ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓާއި، ހޮންކޮން އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން އިސްތަންބޫލުގެ އައިޖީއޭ އެއާޕޯޓާއި، އެޓްލާންޓާގެ ހާޓްސްފީލްޑް-ޖެކްސަން އިންޓަނޭޝަނަލް އެއާޕޯޓާއި، ނިއުޔޯކުގެ ޖޯން އެފް ކެނެޑީ އިންޓަނޭޝަނަލް އެއާޕޯޓް އަދި ޒިއުރިކް އެއާޕޯޓް ހިމެނޭހެން ޖުމްލަ 8 އެއާޕޯޓް ވާދަކުރާނެއެވެ.
އަދި "ވޯލްޑްސް ލީޑިން އެއާޕޯޓް– ކަސްޓަމާ އެކްސްޕީރިއަންސް 2026" ކެޓަގަރީން ޗާންގީ އެއާޕޯޓާއި، ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓާއި، ހޮންކޮން އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން އަބޫދާބީގެ ޒާއިދު އިންޓަނޭޝަނަލް އެއާޕޯޓާއި، ސިޑްނީ އެއާޕޯޓް އަދި އޯކްލޭންޑް އެއާޕޯޓް ހިމެނޭހެން ޖުމްލަ 12 އެއާޕޯޓަކާއެކު ވީއައިއޭއިން ވާދަކުރާނެއެވެ.
އެމްއޭސީއެލްގެ ފަރާތުން ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނާއި، ދަތުރުވެރިންނާއި، ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކުގެ އިތުރުން ރާއްޖެއަށް ހެޔޮއެދޭ އެންމެހާ ފަރާތްތަކުންވެސް މި ވޯޓުގައި ބައިވެރިވެ، "ވޯލްޑްސް ލީޑިން އެއާޕޯޓް 2026" ކެޓަގަރީ އަދި "ވޯލްޑްސް ލީޑިން އެއާޕޯޓް– ކަސްޓަމާ އެކްސްޕީރިއަންސް 2026"، މި ދެ ކެޓަގަރީއިންވެސް ވީއައިއޭއަށް ކާމިޔާބު ހޯދައިދިނުމަކީ ހާލިސް އެދުމެކެވެ. ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ ވޯލްޑް ޓްރެވަލް އެވޯޑްސްގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށެވެ.
މި އަހަރުގެ އެވޯޑްތައް ކާމިޔާބުކުރާ ފަރާތްތައް ހާމަކުރުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ފަހުކޮޅު ބާއްވާ ވޯލްޑް ޓްރެވަލް އެވޯޑްސް ގްރޭންޑް ފައިނަލްގައެވެ.
