އައްޑޫ ސިޓީ ހުޅުމީދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ވަރަށް ބޮޑަށް ޒަހަމްކޮށްލައިފިއެވެ.

ފުލުހުން ބުނީ، ހުޅުމީދޫ ހެލްތު ސެންޓަރަށް ގެނައި މީހަކަށް ބޮޑު އަނިޔާތަކެއް ވެފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރުފަހު 13:50 އެހައިކަން ހާއިރުއެވެ.

އަދި މި ހާދިސާއާ ގުޅިގެން މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އެ މީހާއަށް އަނިޔާވެފައިވަނީ ރަށުގެ ގެއެއްގެ ތެރޭގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ކަމަށް ވެއެވެ. އަދި މި މާރާމާރީއަކީ މަސްތުވާތަކެތީގެ މުއާމަލާތަކާ ގުޅިގެން އުފެދުނު ދެބަސްވުމެއްގެ ތެރެއިން ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މި ހަމަލާގައި އަނިޔާވެފައިވަނީ އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އޭނާއަށް ހުޅުމީދޫ ހެލްތު ސެންޓަރުން ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މިހާރު ވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ 44 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.