ކ. ހިންމަފުށީގައި ބަޔަކު މީހުން މާރާމާރީ ހިންގި މައްސަލައެއްގައި ހައްޔަރުކުރި ދެ ބިދޭސީއަކު، އަނބުރާ ރާއްޖެ ނާދެވޭ ގޮތަށް ފުރުވާލުމަށް ފުލުހުން ނިންމައިފިއެވެ.
ފުލުހުންގެ ބުނީ، ހިންމަފުށީގައި މާރާމާރީއެއް ހިންގަމުންދާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައި ވަނީ މި މަހުގެ 19 ވަނަ ދުވަހުގެ ރޭ 19:24 ހާއިރު ކަމަށެވެ. މި މައްސަލައިގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ މިސްރަށް ނިސްބަތްވާ ދެ ފިރިހެނުންނެވެ.
އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެމީހުން ދެ ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައި ކަމަށް ފުލުހުން ބުނެއެވެ. މި މުއްދަތުގެ ތެރޭގައި ފުލުހުން ވަނީ މި މައްސަލައިގައި ސުވާލުކުރަންޖެހޭ މީހުންނާ ސުވާލުކޮށް، ބަލަންޖެހޭ ކަންކަން އިތުރަށް ތަހުގީގުކޮށްފައެވެ.
ފުލުހުން ބުނީ، ތަހުގީގަށް ހޯދިފައިވާ ހޯދުންތަކަށް ރިއާޔަތްކޮށް، މި ދެ މީހުން ރާއްޖެއިން ފުރުވާލުމަށްފަހު ދެން ދުވަހަކުވެސް ރާއްޖެ ނާދެވޭނެ ގޮތް ހެދުމަށް މޯލްޑިވްސް އިމިގްރޭޝަނަށް މިހާރު ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލަ ދަނީ އިތުރަށް ތަހުގީގުކުރަމުން ކަމަށް ފުލުހުން ބުނެއެވެ.
