މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމަށް ހަމަލާދިން މައްސަލައިގައި 35 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ކްރިިމިނަލް ކޯޓަށް މިއަދު މިއަދު ނެރުނު އަމުރުގައި ބުނެފައި ވަނީ އެމްޑީޕީން ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން، އާޒިމްގެ ގައިގައި އަތްލައި މާރާމާރީ ހިންގަން މުއާޒް މަސައްކަތް ކޮށްފައިވާ ކަމަށް ފުލުހުން ހުށަހަޅައިފައިވާ ކަމަށެވެ.

އަދި އެ މައްސަލައާ ގުޅިގެން މީހެއްގެ ގައިގައި ޖެހުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ގ. އީރީ، އަބްދުﷲ މުއާޒް، 35އ، އެވެ. އެ މައްސަލައާ ގުޅޭ ގޮތުން އޭނާ ބުނެފައި ވަނީ މޭޔަރު ކައިރިއަށް ދިޔައީ ވާހަކަ ދައްކާލަން ކަމަށާއި އޭނާއާ މެދު މާރާމާރީ ހިންގީ މުޒާހަރާގެ ބައިވެރިން ކަމަށެވެ. އަދި އެއީ ހައްޔަރާއި ބަންދުގެ ރެކޯޑު އޮތް މީހެއް ކަމަށް ވެސް ކޯޓު އަމުރުގައި ވެއެވެ.

މުއާޒްގެ ބަންދަށް 15 ދުވަސް ޖަހާފައިވާއިރު އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކިލިބިފައިވާ ކަމަށް ވެއެވެ. އެގޮތުން، ސީސީޓީވީ ސްނެޕް ސޮޓްތަކާއ،ި ފުލުހުންގެ އިންޓަލިޖެންސް ރިޕޯޓާއ،ި ހައްޔަރު ކުރި ފުލުހުންގެ ބަޔާންތަށް ހިމެނެއެވެ.

މި ހާދިސާ ހިނގި ވަގުތު ޓީވީން ލައިވްކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އާޒިމް މަގުމަތީގައި ހިންގަވާފައި ވަޑައިގަންނަވަނިކޮށް މީހަކު ގޮސް އޭނާ ކޮށްޕާލައެވެ. އެއާއެކު އާޒިމްގެ އަރިހުގައި ތިބި މީހުން ވަނީ އެ މީހާ ފަހަތަށް ޖައްސައި ދުރަށް ފޮނުވާލާފައެވެ.

މި ހާދިސާއާ ގުޅިގެން މޭޔަރު އާޒިމް ތުހުމަތު ކުރެއްވީ، މިއީ ސަރުކާރުން ދުރާލާ ރާވައިގެން ބަޔަކު ލައްވައި ދީފައިވާ ހަމަލާއެއް ކަމަށެވެ. އޭނާ ވަނީ މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރަށްވާފައެވެ. ނަމަވެސް، ސަރުކާރުން ވަނީ އާޒިމްގެ މި ތުހުމަތުތައް ދޮގުކޮށްފައެވެ.