އޫކްލާގެ ބެސްޓްފިކްސްޑް ނެޓްވޯކުގެ އެވޯޑާއެކު އުރީދޫ މޯލްޑިވްސްއަކީ ރާއްޖޭގެ އެންމެ ވަރުގަދަ އަދި އެންމެ އިތުބާރު ހުރި ނެޓްވޯކްކަމުގެ މަގާމު އިތުރަށް ހަރުދަނާކުރެވިފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އުރީދޫ އިން ބުނީ މިއީ ބައިނަލްއަގުވާމީ ފެންވަރުގެ އެވޯޑުތަކާއި، އުމްރާނީ ތަރައްގީއަށް ކުރަމުން އަންނަ އިންވެސްޓްމަންޓުތަކާއި، ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ހިދުމަތްތައް ފޯރުކޮށްދިނުމަށް އެ ކުންފުނިން ދޭ އަހައްމިއްޔަތުގެ ނަތީޖާ ކަމުގައެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންގެ އިތުބާރާއި ލޯތްބާ ގުޅިފައިވާ ކާމިޔާބީއެއް ކަން ފާހަގަކޮށް އުރީދޫ އިން ބުނީ މިއީ ސްޕީޑްޓެސްޓް އިން ލިބޭ ހަގީގީ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ލިބިފައިވާ އެވޯޑެއް ކަމަށެވެ.

އުރީދޫ މޯލްޑިވްސް އިން ވަރުގަދަ އަދި މުސްތަގުބަލަށް ތައްޔާރުވެފައިވާ އުމްރާނީ ވަސީލަތްތަކެއް ބިނާކޮށްފައިވާއިރު އެ ކުންފުނިން ބުނީ ފައިބާ އަދި 5ޖީ ޓެކްނޮލޮޖީގެ އެހީގައި މުޅި ރާއްޖެ ގުޅުވާލައިފައިވާ މި ނެޓްވޯކް އިތުރަށް ވަރުގަދަކޮށް، ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެ ކުންފުނިން މެދުނުކެނޑި އިންވެސްޓްކުރަމު އަންނަކަމަށެވެ. ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލްތަކާއި އެންމެ ޒަމާނީ ޑޭޓާ ސެންޓަރުތަކުގެ ސަބަބުން، ޑިޖިޓަލް ދާއިރާގައި އުފެދެމުން އަންނަ ބޮޑެތި ބޭނުންތަކަށް އެއްބާރުލުން ދިނުމުގެ ގާބިލުކަން ނެޓްވޯކަށް ލިބިފައިވާކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.

އުރީދޫގެ ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތް، "ސުޕަނެޓް" އަކީ ގޭބިސީތަކާއި ވިޔަފާރިތަކަށް ޑިޖިޓަލް ޒަމާނުގައި ކުރިއެރުން ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ހިދުމަތެއްކަން ފާހަގަކޮށް އެ ކުންފުނިން ބުނީ ގޭގައި ތިބެގެން މަސައްކަތްކުރުމާއި، އޮންލައިންކޮށް ކިޔެވުމާއި، ހައި-ޑެފިނިޝަން ސްޓްރީމިން އަދި ގޭމިން ފަދަ ކަންކަމަށް ބޭނުންވާ ހަލުވި އަދި އެއްވަރެއްގެ ޕާފޯމަންސެއް ކަސްޓަމަރުންނަށް މި ހިދުމަތުން ލިބޭނެ ކަމަށެވެ.

އުމްރާނީ ވަސީލަތްތަކުގެ އިތުރުން، އުރީދޫ މޯލްޑިވްސްއިން އެންމެ ބޮޑު އިސްކަމެއް ދެނީ ކަސްޓަމަރުންނަށް ލިބޭ ތަޖުރިބާ ރަނގަޅުކުރުމަށެވެ. އެގޮތުން އުރީދޫ ސުޕައެޕް ފަދަ ޑިޖިޓަލް ޕްލެޓްފޯމްތަކާއި، ޒަމާނީ ކަސްޓަމާ ސަޕޯޓް ހައްލުތަކާއި، ކަސްޓަމަރުންނަށް ހާއްސަ ހިދުމަތްތަކުގެ ޒަރިއްޔާއިން، ހަލުވި އަދި ފަސޭހަ ޑިޖިޓަލް ތަޖުރިބާއެއް ކަސްޓަމަރުންނަށް ލިބޭކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

ރާއްޖެ ޑިޖިޓަލް މުސްތަގުބަލަކާ ދިމާލަށް މިސްރާބު ޖަހާފައިވާއިރު، އުރީދޫ މޯލްޑިވްސްއިން މި ދަތުރުގައި އިސް ދައުރެއް އަދާކުރަމުން އަންނައިރު އެ ކުންފުނިން އަންނަނީ އާ އީޖާދުތަކާއި ގުޅުންތައް ބަދަހިކޮށް، މުޅި ރާއްޖޭގެ މުޖުތަމައުތަކަށް ކުރިއެރުން ހޯދައިދެމުންނެވެ. އަދި ވަރުގަދަ ބިންގަލަކާއި، ބައިނަލްއަގުވާމީ ފެންވަރުގެ ތައުރީފާއި، ސާފު ތަސައްވުރަކާއެކު، ހަގީގީ ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކުރުމުގެ އެންމެ ކުރީގައި ދެމިއޮންނާނެކަމުގެ ޔަގީންކަން އުރީދޫ އިން ވަނީ ދީފައެވެ.