ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށާއި، ކާރިސާގެ ވަގުތުތަކުގައި ދެވޭ އިޖާބަ އަވަސްކުރުމަށްޓަކައި ޖަޕާނު ސަރުކާރުން ދިވެހިރާއްޖޭގެ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަށް 4.3 މިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި ތަކެތި ހަދިޔާކޮށްފިއެވެ.

މި ތަކެތި ހަދިޔާކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ޖަޕާނު ސަރުކާރުގެ ފަރާތުން މި ތަކެތި ހަވާލުކޮށްދެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމި ރުމިކޯއެވެ. އެންޑީއެމްއޭގެ ފަރާތުން މި ތަކެއްޗާ ހަވާލުވެވަޑައިގަތީ އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ޙަސަންއެވެ.

ޖަޕާނުގެ "އެކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް" ގެ ދަށުން ހަދިޔާކުރި މި ތަކެތީގެ ތެރޭގައި ފެންބޮޑުވާ ވަގުތުތަކުގައި ފެން ހިއްކުމަށް ބޭނުންކުރާ ޕަންޕުތަކާއި، އަލިފާނުގެ ހާދިސާތަކުގައި ބޭނުންކުރާނެ ޒަމާނީ ސާމާނު ހިމެނެއެވެ.

އެންޑީއެމްއޭއިން މައުލޫމާތު ދެއްވި ގޮތުގައި، މި އެހީގެ ސަބަބުން ރާއްޖޭގެ ރަށްރަށުގައި ދިމާވާ ފެންބޮޑުވުމުގެ ހާދިސާތަކާއި އަލިފާނުގެ ހާދިސާތަކަށް އިޖާބަދިނުމުގެ ގާބިލުކަން ކުރިއަށްވުރެ ބޮޑަށް އިތުރުވެގެންދާނެއެވެ. ހާއްސަކޮށް އަތޮޅުތެރޭގެ ރަށްރަށުގައި ކާރިސާތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ހަރުދަނާކުރުމަށް މި ތަކެތީގެ ސަބަބުން ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް އެ އޮތޯރިޓީން ފާހަގަކުރެއެވެ.

ޖަޕާނަކީ ރާއްޖެއަށް ދިމާވާ އެކިއެކި ގުދުރަތީ ކާރިސާތަކުން ރައްކާތެރިވުމަށާއި، ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް މެދުނުކެނޑި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ގާތް ރަހުމަތްތެރި ގައުމެކެވެ. މި އެހީއަކީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރިކަމުގެ ރަމްޒެއްގެ ގޮތުގައި އެންޑީއެމްއޭއިން ސިފަކުރެއެވެ.