އިމިގްރޭޝަންގެ ހިދުމަތުގައި 19 އަހަރު ހޭދަކުރައްވާފައިވާ އަހުމަދު އަޝްފާން ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމަށް މިއަދު ބަދަލުކޮށްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލަރުގެ މަގާމަށް އަޝްފާން އައްޔަންކޮށްފައިވަނީ އެޕްރީލް 4، 2024 ގައެވެ. މިއަދު އިމިގްރޭޝަނުން ވަނީ އަޝްފާންގެ ހިދުމަތުގެ އަގު ވަޒަންކޮށްފައެވެ.

އިމިގްރޭޝަނުން ކުރި ޕޯސްޓެއްގައި ވަނީ އަޝްފާންގެ މަސައްކަތަށް ޝުކުރު އަދާކޮށް ކުރިއަށް އޮތް މަސައްކަތުގައި ކާމިޔާބީ އަށް އެދިފައެވެ. އަދި އޭނާގެ ޕްރޮފެޝަނަލިޒަމާއި، ނަޒާހަތްތެރިކަމާއި، ކޮމިޓްމަންޓުގެ ސަބަބުން ހެޔޮ ބަދަލުތަކެއް އައިސްފައިވާކަން ވަނީ ފާހަގަކޮށްފައެވެ.

އަޝްފާންއަކީ ކުޅިވަރުގެ ދާއިރާގައި ފާހަގަކޮށްލެވޭ ރާއްޖޭގެ އެއް ނަންބަރު ފުޓުބޯޅަ ކުޅުންތެރިޔާ އަޝްފާގް އަލީގެ ބޭބެއެވެ. އަޝްފާން ވެސް ވަނީ ފުޓްބޯޅައިގައި ތަފާތު އެކި ކްލަބުތަކަށް ކުޅުމުގެ އިތުރަށް ގައުމީ ޓީމަށް ވެސް ކުޅެފައެވެ.