ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ހިންގަމުންދިޔަ ކެފޭތަކެއް އަމާޒުކޮށްގެން ހާއްސަ ރޭޑް އޮޕަރޭޝަނެއް ހިންގާ، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ތިން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

އިމިގްރޭޝަނުން ބުނީ މި އޮޕަރޭޝަނަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އުފައްދާފައިވާ ހާއްސަ ޓާސްކް ފޯސްއިން އިއްޔެ ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްކަމަށެވެ.

އެގޮތުން މި ރެއިޑް އޮޕަރޭޝަންގެ ތެރެއިން ހުޅުމާލޭގައި ގަވައިދާ ހިލާފަށް ހިންގާ ކެފޭތަކުގައި ތިބި ޖުމްލަ 22 ބިދޭސީއަކު އިމިގްރޭޝަނުން ވަނީ ޗެކްކޮށް، ސުވާލުކޮށްފައިކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އަދި އޭގެ ތެރެއިން ގަވާއިދާ ހިލާފަށް މަސައްކަތްކުރަމުންދިޔަ 3 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، އިމިގްރޭޝަނުން ވަނީ ސިލްސިލާ ގިނަ އޮޕަރޭޝަންތަކެއް ހިންގާފައެވެ.

އެގޮތުން، ނިމުނު ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހުގެ ހަވީރު މާލޭގެ އާންމު ސަރަހައްދުތަކުގައި ކުރިއަށް ގެންދިޔަ "މައިގްރޭޝަން މޮނިޓަރިން އެންޑް ކޮމްޕްލަޔަންސް ޕްރޮގްރާމް" ގެ ދަށުން 75 ބިދޭސީއަކު ޗެކްކޮށް، ގަވާއިދާ ހިލާފަށް އުޅުނު އެކަކު ވަނީ ހިފަހައްޓާފައެވެ.

މީގެއިތުރުން، ސެޕްޓެމްބަރު 7 ވަނަ ދުވަހު ހުޅުމާލޭގެ ސެލޫން އަދި ސްޕާ ވިޔަފާރިތަކަށް އަމާޒުކޮށްގެން ހިންގި އޮޕަރޭޝަނުގައި 8 ތަނެއް ބަލައި، 26 ބިދޭސީން ޗެކްކޮށް، ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ 7 މީހަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި ސެޕްޓެމްބަރު 6 ވަނަ ދުވަހު ހަވާއިދާ ހިލާފަށް ހިންގަމުންދިޔަ ކެފޭތައް ބަލައި ފާސްކުރުމަށް ހިންގި އޮޕަރޭޝަނުގައި 5 ތަނަކުން 14 ބިދޭސީން ޗެކްކޮށް، 2 މީހަކު ވަނީ ހިފަހައްޓާފައެވެ.

ރާއްޖޭގައި ގަވާއިދާ ހިފަށް ވިޔަފާރިކޮށް، މަސައްކަތްކުރާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން މިހާރު ފަށާފައިވާ މި ހާއްސަ އޮޕަރޭޝަންތައް މެދުކެނޑުމެއްނެތި ކުރިއަށް ދާނެ ކަމަށް އެ މުއައްސަސާއިން ވަނީ ހާމަކޮށްފައެވެ.