އިންތިހާބު ނިމުމާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު، ބަދަލުތައް ގެންނަން ފަށާފައިވަނީ އޭ ރިޕޯޓެއް ބޭނުންފުޅުވާތީ ކަމަށް ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިފަދައިން ވިދާޅުވެފައި ވަނީ ރޭ ހއ. މުރައިދޫގެ ކައުންސިލާއި އަންހެނުންގެ ތަރައްގީގެ ކޮމެޓީގެ އިންތިހާބުން ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން މާލޭގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން ޝިޔާމް ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބުގައި މި ސަރުކާރަށް ލިބުނީ ބީ ރިޕޯޓެއް ކަމަށާއި މި ސަރުކާރަކީ އޭ ރިޕޯޓު ބޭނުންވާ ސަރުކާރެއް ކަމަށެވެ. އަދި ބަދަލުތައް ގެނެސްފައިވަނީ ރައްޔިތުންގެ ވާހަކަތައް އައްސަވައިގެން ކަމަށް ޝިޔާމް ވިދާޅުވެފައި ވެއެވެ.
"ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންވަނީ އޭ ރިޕޯޓް. އެހެެންވެ އިންތިހާބު ނިމުމާ އެކު އެމަނިކުފާނު ވިދާޅުވީ ރައްޔިތުން ވާހަކަތައް ވިދާޅުވެއްޖެއޭ. ތިމަން މަނިކުފާނު އަޑުއައްސަވަައިފިމޭ. އެ ވަގުތުން ފެށިގެން ރައްޔިތުން އެ ވިދާޅުވި ކަންކަން ފެއްޓެވި." ޝިޔާމް ވިދާޅުވިއެވެ.
މިދިޔަ ސަރުކާރުގައި ދައުލަތުން ވައްކަން ކުރުމުން ވެސް ވަޒީރުން ވަކިކޮށް ފިޔަވަޅު އަޅާފައި ނުވާކަން ފާހަގަކޮށް ޝިޔާމް ވަނީ ނިމިދިޔަ އެމްޑީޕީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި އެފަދަ ބޭފުޅުން އެ ސަރުކާރަށް ފެނިވަޑައިގަތީ ބަލަދު އަރާފައިވާ ބޭފުޅުންތަކެއްގެ ގޮތުގައި ކަމަށް ވެސް ޝިޔާމް ވިދާޅުވެފައި ވެއެވެ.
އޭގެ ބަދަލުގައި މި ސަރުކާރަކީ ރައްޔިތުންގެ އަޑުއަހައިގެން ކުރިއަށް ގެންދާނެ ސަރުކާރެއް ކަމަށާއި ކުރިއަށް ދާނީ ރައްޔިތުން އެދޭ ގޮތަށް ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، ސުޕްރީމް ކޯޓުގެ ހުކުމާއެކު ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ މެންބަރެއްގެ ގޮނޑި ގެއްލުނު ހުކުމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، މީގެން ބުނެދެނީ، ނިޒާމަށް އޮތް އިތުބާރު ކަމަށެވެ. އަދި ސަރުކާރުތަކުން މޮޑެން ހަދައިގެން، ދަައުލަތުގެ މުޅި ނިޒާމަށް އިތުބާރު ގެއްލިފައި އޮތް ޒަމާނެއްގައި ފެންނަނީ، ހަރުދަނާ ރަނގަޅު ފިޔަވަޅުތަކެއް އެޅިގެން ރައްޔިތުންގެ އިތުބާރު އަނބުރާ ލިބެމުންދާތަން ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
އަދި މި ސަރުކާރަކީ ކަންކަން ރަނގަޅު ކުރަން އެނގޭ ބައެއް ކަމަށާއި، ރައީސް ޑރ. މުއިއްޒަކީ ކަންކަން އައްސަވާ ވެރިއެއް ކަމަށް ވިދާޅުވެފައި ވެއެވެ.
