މުރަކަ އިންދުމުގެ ހަރަކާތެއް ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށް ގެންދަން ނިންމައިފިއެވެ.
މިކަން އިއުލާނުކޮށް އެޗްޑީސީން ބުނީ މުރަކަ އިންދަން ނިންމާފައިވަނީ ހުޅުމާލެ ޗެނަލް ޕާކު ސަރަހައްދާއި ކުޑަގިރި ދޫނިޔާ ޑައިވް ރެކްގެ ގުދުރަތީ ރިތިކަން ދަމަހައްޓާ މޫދުގެ ދިރުންތައް އާލާކުރުމަށް އެ ކޯޕަރޭޝަނުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
އެގޮތުން މި ހަރަކާތް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މެއި 13ގައި ކަމަށާއި، ތިމާވެށި ހިމާޔަތްކުރުމަށް މާލެ ސަރަހައްދުގައި ހަރަކާތްތެރިވާ އެންޖީއޯތަކަށް މި ބައިވެރިވުުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
އެޗްޑީސީން ވަނީ ހަރަކާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަދި މި ހަރަކާތާ ގުޅޭ އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން އެޗްޑީސީއަށް މެއިލް ކުރުމަށް އެދިފައެވެ.
އެޗްޑީސީން ވަނީ ތިމާވެށި ހިމާޔާތްކުރުމުގައި އެ ކޯޕަރޭޝަނަށް އެހީތެރިކަން ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.
ފާހަގަކުރެވޭ ގޮތުގައި ރާއްޖޭގެ ފަރުތަކުގެ މުރަކަތަކަށްވެސް މުރަކަ ހުދުވުން ނުވަތަ ކޮރަލް ބްލީޗިން ފަދަ ކަންތައްތައް ދިމާވެއެވެ. މުރަކަ ހުދުވުމަށް މަގުފަހިވާ މައިގަނޑު އެއް ސަބަބަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ސަރަހައްދުގެ ފިނިހޫނުމިން އިތުރުވުމެވެ. ދަނޑުވެރިކަމުގެ މަސައްކަތްތަކުން ފެން ހިންދުމާއި ނަރުދަމާ ގެނައުމުގެ ސަބަބުން ފެން ތަގައްޔަރުވުމަކީވެސް މިކަމަށް މެދުވެރިވާ ސަބަބެކެވެ.
