ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބެލުމުގެ ދަށުގައިވާ އެއްމެދު އިމާރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފެށި ހާއްސަ މަސައްކަތުގެ ތެރެއިން، މިހާތަނަށް 220 އެޕާޓްމަންޓެއްގެ 273 ކުޑަދޮރުގައި ރެއިލިން ހަރުކޮށް ނިންމައިފިއެވެ.

އެޗްޑީސީން ބުނީ އެއްމެދު އިމާރާތްތަކުގެ ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމުގެ މި މަސައްކަތަކީ އުސް އިމާރާތްތަކުން ކުދިން ވެއްޓުން ފަދަ ނުރައްކާތެރި ހާދިސާތައް ހިނގުން ހުއްޓުވުމަށާއި، އާންމުންގެ ސަލާމަތް ކަށަވަރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި އިރުޝާދުގެ މަތިން ސެޕްޓެންބަރު 3 ވަނަ ދުވަހު ފެށި މަސައްކަތެއްކަމަށެވެ.

އެޕާޓްމަންޓްތަކުގެ ކުޑަދޮރުތަކާއި ބެލްކަނީ ރެއިލިންތައް ގަވާއިދާ އެއްގޮތަށް ހުރިތޯ ބަލާ، ރެއިލިން ހަރުކުރުމުގައި އެހީތެރިކަމަށް އެދުމުގެ ފުރުސަތު ސެޕްޓެންބަރު 30 ގެ ނިޔަލަށް ހުޅުވާލުމުން ޖުމުލަ 1,011 އެޕާޓްމަންޓުން އެހީތެރިކަމަށް އެދިފައިވާކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީން ބުނީ 220 އެޕާޓްމަންޓެއްގެ 273 ކުޑަދޮރުގައި ސޭފްޓީ ރެއިލިން ހަރުކޮށް ނިންމާފައިވާކަމަށާއި، އެހީތެރިކަމަށް އެދިފައިވާ ބާކީ އެޕާޓްމަންޓްތަކުގައި ރެއިލިން ހަރުކުރުމުގެ މަސައްކަތް އެޗްޑީސީން ހުއްޓާނުލައި އަވަސް މިނެއްގައި ކުރަމުން އަންނަކަމަށެވެ.

މި ހާއްސަ މަސައްކަތަކީ ހުޅުމާލޭގެ ހިޔާ ފްލެޓްތަކާއި އެނޫންވެސް ސޯޝަލް ހައުސިން އަދި އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ އިމާރާތްތަކުން ކުޑަކުދިން ވެއްޓުމުގެ ހާދިސާތަކެއް ހިނގުމާ ގުޅިގެން، އާންމުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ފެށި މަސައްކަތެކެވެ.

އެޗްޑީސީން ވަނީ އިމާރާތްތަކުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް ކުރެވޭ މިފަދަ މަސައްކަތްތަކުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ ފުރިހަމަ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ. މީގެ އިތުރުން، އިމާރާތްތަކުގެ ރައްކާތެރިކަން ދެމެހެއްޓުމަށް ޓަކައި ގަވާއިދާ އެއްގޮތަށް ކުޑަދޮރުތަކާއި ބެލްކަނީތައް ބެހެއްޓުމަށް އެޗްޑީސީން އަބަދު ވެސް އިލްތިމާސްކުރެއެވެ.