ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިމެނޭ ހިޔާ ޓަވަރުތަކުގެ ތެރެއިން ދެ ޓަވަރެއް ފިޔަވާ އެހެން ޓަވަރުތަކަށް ކަރަންޓު ފޯރުކޮށްދީފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

މިއަދު މެންދުރު ފަހު 3:15 އެހާއިރުން ފެށިގެން ބައެއް ހިޔާ ޓަވަރުތަކުން ވަނީ ކަރަންޓު ކެނޑިފައެވެ. އޭރު ސްޓެލްކޯއިން ބުނީ، ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށާއި މައްސަލަ ދެނެގަނެ ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ނަމަވެސް އޭގެ ފަހުން 3 ގަޑިއިރު ފާއިތުވެފައިވީ ނަމަވެސް އަދިވެސް ކަރަންޓުގެ މައްސަލަ ހައްލުވެފައި ނުވެއެވެ. އަދި އިރުއޮއްސި 6 ޖަހާކަށްހާއިރު ސްޓެލްކޯއިން ބުނީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ޓަވަރުތަކަށް ކަރަންޓު ފޯރުކޮށްދިނުން މެދުކެނޑުނު މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިއަށްދަނިކޮށް، އިތުރު ޓެކްނިކަލް މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށެވެ.

އެ މައްސަލަތައް ވީ އެންމެ އަވަހަކަށް ހައްލުކުރުމަށް އެ ކުންފުނީގެ ޓެކްނިކަލް ޓީމުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ ކުންފުނިން އޭރު ބުނެފައި ވެއެވެ. އެ މައްސަލައާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން ސްޓެލްކޯއިން ދާދި ދެންމެއަކު ބުނީ، ހިޔާ ޓަވަރު 2 އަދި 6 ފިޔަވާ އެހެން ހުރިހާ ޓަވަރަކަށް ކަރަންޓު ފޯރުކޮށްދީފައިވާ ކަމަށެވެ.

އަދި ކަރަންޓު ނުދެވި ހުރި ޓަވަރުތަކަށް ވެސް ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ސްޓެލްކޯއިން ވަނީ މައުލޫމާތު ދީފައެވެ.

ކަރަންޓު ކެނޑި މިހާ ގިނައިރު ވެފައިވާއިރު ހުސްވި ހަފްތާގައި މާފަންނުން ވެސް ކަރަންޓު ކެނޑިފައި ވެއެވެ. މިދިޔަ އަންގާރަ ދުވަހު ދެ ފަހަރެއްގެ މަތިން ކަރަންޓު ގޮސްފައިވެއެވެ.