ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުނު މައްސަލަ ހައްލު ކުރަމުންދަނިކޮށް އިތުރު ޓެކްނިކަލް މައްސަލަތަކެއް ފާހަގަވެއްޖެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހިން މިއަދު ކަރަންޓު ކެނޑިފައި ވަނީ މެންދުރުފަހު 3:15 އެހާކަށްހާއިރުއެވެ. އޭރު ސްޓެލްކޯއިން ބުނީ، ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށާއި މައްސަލަ ދެނެގަނެ ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ނަމަވެސް އޭގެ ފަހުން ދެ ގަޑިއިރު ފާއިތުވެފައިވީ ނަމަވެސް އަދިވެސް ކަރަންޓުގެ މައްސަލަ ހައްލުވެފައި ނުވެއެވެ. އަދި އިރުއޮއްސި 6 ޖަހާކަށްހާއިރު ސްޓެލްކޯއިން ބުނީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ޓަވަރުތަކަށް ކަރަންޓު ފޯރުކޮށްދިނުން މެދުކެނޑުނު މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިއަށްދަނިކޮށް، އިތުރު ޓެކްނިކަލް މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށެވެ.

އެ މައްސަލަތައް ވީ އެންމެ އަވަހަކަށް ހައްލުކުރުމަށް އެ ކުންފުނީގެ ޓެކްނިކަލް ޓީމުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

ކަރަންޓު ކެނޑި މިހާ ގިނައިރު ވެފައިވާއިރު ހުސްވި ހަފްތާގައި މާފަންނުން ވެސް ކަރަންޓު ކެނޑިފައި ވެއެވެ. މިދިޔަ އަންގާރަ ދުވަހު ދެ ފަހަރެއްގެ މަތިން ކަރަންޓު ގޮސްފައިވާއިރު އެ ދުވަހު ފުރަތަމަ ކަރަންޓު ކެނޑުނީ 11:15 ހާއިރުއެވެ.

އެ ވަގުތު ކަރަންޓުގެ ހިދުމަތް ކެނޑިފައި މާގިނަ އިރުތަކެއް ނުވެ އެ މައްސަލަ ހައްލުކރުި ނަމަވެސް މެންދުރު ފަހު 2:50 ހާއިރު އަނެއްކާ ވަނީ މާފަންނުގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައެވެ. އަދި އެފަހަރުވެސް ކަރަންޓު ނުލިބި 3 ގަޑިއިރަށްވުރެ ގިނަ ވަގުތު ނެގިއެވެ.