މިނިސްޓްރީ އޮފް ޑިފެންސްއިން ކުރިއަށްގެންދާ ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމް (މޯލްޑިވްސް ނޭޝަނަލް ސާވިސް) ގެ ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރެއިނިންގެ ތިންވަނަ ބުރުގައި ބައިވެރިވުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފިއެވެ.
ދިފާއީ ވުޒާރާއިން މިއަދު ކުރި އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑި މިހާރު ވަނީ މާދަމާގެ މެންދުރުފަހު 14:00 އާ ހަމައަށް އިތުރުކުރެވިފައެވެ. މި ތަމްރީނު ޕްރޮގްރާމަކީ ގާއުމީ ހިދުމަތަށް ޒުވާނުން ބިނާކުރުމުގެ މަގްސަދުގައި މިދިޔަ މާޗް މަހު ހުޅުވާލި ފުރުސަތެކެވެ.
މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ ފުރިހަމަ ސިއްހަތެއްގައި ހުރި، އުމުރުން 16 އަހަރާއި 28 އަހަރާ ދެމެދުގެ ފަރާތްތަކަށެވެ. މީގެ ތެރެއިން އުމުރުން 18 އަހަރު ނުފުރޭ ކުދިން ބައިވެރިކުރެވޭނީ، އެ ކުއްޖެއްގެ ޝަރުއީ ނުވަތަ ގާނޫނީ ބަލަދުވެރިޔާގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމެއް ހުށަހެޅުމުންނެވެ.
ޖުމްލަ 3 މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ މެއި މަހުގެ ފަހު ހަފުތާގެ ތެރޭގައެވެ. މި ތަމްރީނުތައް ކުރިއަށްދާނީ ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައެވެ.
ޑިފެންސް މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި، މި ޕްރޮގްރާމަށް ބައިވެރިން ހޮވުމުގައި އިންޓަވިއު، އެޕްޓިޓިއުޑް ޓެސްޓް، ފިޒިކަލް ސްކްރީނިންގް އަދި މެޑިކަލް ސްކްރީނިންގް ކުރިއަށް ގެންދެވޭނެއެވެ. އަދި ޕްރޮގްރާމަށް ހޮވޭ ފަރާތްތަކަށް އެންރޯލްކުރެވޭ ދުވަހުން ފެށިގެން ޚާއްސަ އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، މި ތަމްރީނު ފުރިހަމަކުރާ ފަރާތްތަކަށް ފަންނީ ތަމްރީނާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މި ޕްރޮގްރާމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން 3035850 ނަންބަރު ފޯނާ ގުޅުމަށް އެ މިނިސްޓްރީން އެދެއެވެ.
