ފެލިދޫ ކައިރީން ލޯންޗެއް ބަންޑުން ޖަހާލައި، ގެއްލުނު އިންޑިއާ 2މީހުން ހޯދަން ވަރަށް ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

މި މަހުގެ 20 ވަނަ ދުވަހުގެ ރޭ ދަންވަރު އިންޑިއާގެ މަޝްހޫރު ރޭމަންޑު ގުރޫޕުގެ ޗެއާމަން ގޯތަމް ސިންގާނިއާ ދުއްވަންއިން އެ ލޯންޗުގައި 7މީހަކު ދަތުރުކުރިއެވެ. އެއީ ޔޫކޭ އާއި ރަޝިއާއަށް ނިސްބަތްވާ 2އަންހެނުންނާއި ގޯތަމް ހިމެނޭހެން އިންޑިއާގެ 5މީހެކެވެ.

މި ހާދިސާގައި ކަނޑަށް ގެއްލުނު އިންޑިއާގެ ދެ މީހަކު ހޯދުމުގެ މަސައްކަތް ދިވެހި ކޯސްޓްގާޑުން އަދިވެސް ދަނީ ކުރަމުންނެވެ. އެކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން އެމްއެންޑީއެފްއިން ރޭ ބުނީ، އެމީހުން ހޯދުމަށް ވައިގެ މަގުން 2544އަކަ ނޯޓިކަލް މޭލު ބަލާފައިވާ ކަމަށެވެ. އަދި ކަނޑުގެ ސަތަހައިން 269އަކަ ނޯޓިކަލް މޭލު ބަލައިފައިވާކަމަށާއި ކަނޑު އަޑިން 253،662.6އަކަ މީޓަރުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.

އަދި ހަމަ އެހެންމެ ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް މެދުކަނޑާނުލައި ކުރިއަށްދާއިރު މިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ނުވަތަ ނިޝާނެއް ފެނިއްޖެނަމަ ލަސްނުކޮށް އެންގުމަށް އެމްއެންޑީއެފް އިން ވަނީ އެދިފައެވެ.

ލޯންޗުގައި ތިބި މީހުން ދިން މައުލޫމާތުތަކުން އެނގޭ ގޮތުގައި އެ ލޯންޗު ދުއްވަން އިން ސިންހާނިޔާ ހިމެނޭހެން އެ ލޯންޗުގައި ތިބި އެންމެންވެސް ތިބީ މަސްތުގެ ހާލަތުގައެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން ބަންޑުން ޖަހާލި ލޯންޗުން ކަނޑުވެގެން ހޯދަމުންދާ އެކަކަކީ 5 ފަހަރު އިންޑިއަން ނެޝަނަލް ރެލީ ޗެމްޕިއަންޝިޕް ހޯދާފައިވާ އިންޑިއާގެ މަޝްހޫރު މޮޓޯ ސްޕޯޓްސް ރެލީ ޑްރައިވަރު ހަރީ ސިންގްއެވެ. 59 އަހަރުގެ ހަރީ ސިންގް ކަނޑަށް ގެއްލުނު ހާދިސާގައި އޭނާ އިން ލޯންޗު ދުއްވަން އިނީ އިންޑިއާގެ ރޭމަންޑް ގްރޫޕުގެ ވެރިޔާ ގޯތަމް ސިންހާނިޔާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.