އީރާނުގެ ސަލާމަތީބާރުތަކުގެ ވެރިޔާ އަލީ ލަރިޖާނީ އާއި ދާހިލީ ބާރުތައް (ބަސީޖް ފޯސް) ގެ ކޮމާންޑަރު ގޮލަމްރޭޒާ ސޮލައިމާނީ އަވަހާރަ ކޮށްލި ނަމަވެސް އީރާނު ފަހަތަށް ނުޖެހޭނެ ކަމަށް އެގައުމުގެ ހާރިޖީ ވަޒީރު އައްބާސް އަރާޗީ ވިދާޅުވެއްޖެއެވެ.
އިޒްރޭލުން އީރާނުގެ ދެވެރިން އަވަހާރަ ކޮށްލިކަން އިއުލާން ކުރިތާ 2 ދުވަސް ފަހުން އީރާނުން، އެކަން އިއުލާން ކޮށްފައި ވަނިކޮށް ހާރިޖީ ވަޒީރު ވިދާޅުވީ، އީރާނުގެ ސިޔާސީ ނިޒާމަކީ ހަރުދަނާ ނިޒާމެއް ކަމަށާއި އެއީ ވަރުގަދައަށް އިންތިޒާމު ކުރެވިފައިވާ ނިޒާމެއް ކަމަށެވެ. އެހެން ކަމުން ވެރިޔަކު އަވަހާރަ ކޮށްލައިގެން އީރާނު ފަހަތަށް ނުޖެއްސޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
އަރާޗީ މިހާކަ ވިދާޅުވުމުގެ ކުރިން އެމެރިކާގެ ރައީސް މީގެ ކުރިން ދެއްކެވި ވާހަކަތަކަކަށް ވެސް އޭނާ ވަރުގަދަ ރައްދެއް ދެއްވާފައި ވެއެވެ. އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެފައި ވަނީ، އީރާނުން އެމެރިކާ އާ ޑީލް ހަދަން ވާހަކަ ދައްކަން ބޭނުން ވެގެން އުޅޭ ކަމަށާއި ނަމަވެސް މިހާރު މާ ލަސްވެއްޖެ ކަމަށެވެ.
ޖަވާބުގައި އަރާޗީ ވިދާޅުވީ، 'ސައިތާނުންނާ' ދައްކާނެ ވާހަކައެއް ނެތް ކަމަށާއި އެކަމަށް އީރާނުން އެދެމުންވެސް ނުދާ ކަމަށެވެ.
އީރާނުގެ ސަލާމަތީ ބަރުތަކުގެ ވެރިޔާ ލަރިޖާނީ އަކީ އެގައުމާއި އަދި ބައިނަލްއަގުވާމީ މައިދާނުގައި ވެސް ފާހަގަ ކޮށްލެވޭ ޝަހުސިއްތެކެވެ. މިހާރު ކުރިއަށްދާ ހަނގުރާމައިގައި އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ އަވަހާރަ ކޮށްލުމުން ލަރިޖާނީ ވިދާޅުވެފައި ވަނީ، އިސްލާމީ ގައުމުތަކުން އީރާނު އެކަނި ކޮށްފި ކަމަށާއި، އިސްލާމީ ގައުމުތަކުގެ ދުޝްމަނުންނަކީ އެމެރިކާ އާއި އިޒްރޭލު ކަމަށެވެ. އަދި އޭނާ ސުވާލު ކުރެއްވީ 'ކަލޭމެން ތިތިބީ ކޮންފަޅިއެއްގައި ތޯ" އެވެ.
ހަނގުރާމައިގެ އެންމެ ފަހުގެ ހަބަރުތައް ބުނާގޮތުން، އިޒްރޭލާއި އެމެރިކާއިން އީރާނުގެ އުމްރާނީ ވަސީލަތްތައް ހަލާކުކޮށް ސްކޫލު މަދުރަސާތަކަށް ހަމަލާދީ ގަތުލުއާންމު ދަނީ ހިންގަމުންނެވެ. ސްކޫލުތަކުގައި އެތައް ސަތޭކަ ދަރިވަރުންނެއް ތިއްބާ މިސައިލް ހަމަލާދީ 200-300 ކުދިން މަރާލުމަށްފަހު ބުނަމުން ދަނީ ހަމަލާ ދެވުނު ގޮތް ބަލަމުން ގެންދާ ކަމަށެވެ.
އެއީ އިޒްރޭލުން ގާޒާއަށް ވެސް ހެދި ގޮތެވެ. އިޒްރޭލުގެ ވެރިން ބުނެފައިވަނީ އީރާނު ގާޒާއަށް ހަދާނެ ކަމަށާއި، 'ޖައްދާލު ފާޅުވާންދެން' ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށެވެ.
އެމެރިކާ އާއި އިޒްރޭލުގެ ހަމަލާތަކުގެ ކުރިމަތީގައި އީރާނުން ސާބިތުކަން ދައްކައި ދުވެލި ބާރު މިސައިލުން އިޒްރޭލުގެ 'މެޔަށް' ވަނީ ހަމަލާ ދީފައެވެ. ހަބަރުތައް ބުނާގޮތުން މާކް 8 ގެ ސްޕީޑްގައި ދަތުރު ކުރާ ޕެނަސޮނިކް މިސައިލާއި ޒަމާނީ ބެލެސްޓިކް މިސައިލް އީރާނުން ދަނީ ބޭނުން ކުރަމުންނެވެ. މިފަދަ ހަތިޔާރުތަކުގެ ބޭނުންކޮށްގެން އެމެރިކާއަށް މަދަދުދޭ ސަރަހައްދުގެ ގައުމުތައް ކަމަށް ވާ، އީރާގު، ބަހްރައިން، ކުވައިތު، ގަތަރު، ސައުދީ އަދި ޔޫއޭއީއަށް ދަނީ ހަމަލާ ދެމުންނެވެ.
އީރާނުން ބުނެފައި ވަނީ އެގައުމުތަކަށް ހަމަލާ ދެނީ އެ ގައުމުތަކުގައި ހުރި އެމެރިކާގެ ބޭސްތަކަށް އަމާޒުކޮށްފައި ކަމަށެވެ.
ހަނގުރާމަ ފެށުނު ފަހުން އިޒްރޭލުން 3727 މީހަކު ޒަހަމްވެފައި ވާއިރު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 192 މީހަކު ޒަހަމްވެފައި ވާކަމަށް އިޒްރޭލުގެ މީޑިއާ ރިޕޯޓުތައް ބުނެއެވެ.
