ހިފާފައިވާ ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުގައި އިޒްރޭލުގެ ވަޒަންވެރިން ދިން ހަމަލާތަކެއްގައި ފަލަސްތީނުގެ ގިނަ ބަޔަކު ޒަހަމްކޮށްލައިފިއެވެ. މީގެ އިތުރުން، އިޒްރޭލުގެ ސިފައިން ވަނީ ފަލަސްތީނުގެ ބައެއް ދަނޑުވެރިން ހައްޔަރުކޮށްފައެވެ.
ފަލަސްތީނުގެ ރެޑް ކްރެސެންޓް ސޮސައިޓީ (ޕީއާރްސީއެސް) އާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހެބްރޯންގެ ދެކުނުން އޮންނަ މަސާފަރް ޔައްތާ ސަރަހައްދުގެ މައީން އަވަށުގައި ހޮނިހިރު ދުވަހު އިޒްރޭލުގެ ވަޒަންވެރިން ވަނީ އާންމުންނަށް ހަމަލާދީފައެވެ. މި ހަމަލާތަކުގައި ހަ މީހަކު ޒަހަމްވެފައިވާއިރު، އޭގެ ތެރޭގައި ހަތަރު އަންހެނުންނާއި ކުޑަކުއްޖަކު ހިމެނެއެވެ.
ފަލަސްތީނުގެ ނޫސް އެޖެންސީ ވަފާއިން ބުނި ގޮތުގައި، ރާމަﷲގެ ހުޅަނގުން އޮންނަ ދެއިރް އައްމާރުގައި ޒައިތޫނި ބިންނަން ތިބި ދަނޑުވެރިންނަށް އަމާޒުކޮށް އިޒްރޭލު ސިފައިން ވަނީ ބަޑިޖަހާފައެވެ. އަދި އެ މީހުންގެ ބިންތައް ދޫކޮށް ދިއުމަށް ސިފައިން މަޖުބޫރުކުރުވި ކަމަށް ވެސް އެ އެޖެންސީން ރިޕޯޓުކޮށްފައިވެއެވެ. ހަމަ އެ ސަރަހައްދުގައި އިޒްރޭލުގެ ވަޒަންވެރިން ބަޑިޖަހައި ފަލަސްތީނުގެ ދެ މީހަކު ޒަހަމްކޮށްލާފައިވެއެވެ. މީގެ އިތުރުން، ބައިތުލަހަމްގެ އިރުދެކުނުން އޮންނަ ތުގޫ އަވަށުގައި ފަލަސްތީނުގެ އާންމުންގެ ކާރަކަށް ވެސް އިޒްރޭލު ސިފައިން ވަނީ ބަޑިޖަހާފައެވެ.
ރާމަﷲގެ އިރުއުތުރުން އޮންނަ ކަފްރް މާލިކް އަވަށުގެ މޭޔަރު ނާޖިހް ރަސްތުމް އަލްޖަޒީރާއަށް މައުލޫމާތު ދެއްވި ގޮތުގައި، ފަތިހުގެ ވަގުތެއްގައި އިޒްރޭލުގެ ވަޒަންވެރިން ވަނީ އެ އަވަށުގެ ދަނޑަކަށް ވަދެގަނެ، 20 ވަރަކަށް ކަންބަޅި މަރާލާފައެވެ. އޭނާ ވިދާޅުވި ގޮތުގައި އޭގެ ކުރީ ރޭ އިޒްރޭލު ސިފައިން ވެސް ވަނީ އެ އަވަށަށް ވަދެގަނެފައެވެ. އަދި ސިފައިން ޖެހި ކަރުނަގޭހުގެ ސަބަބުން ގެއެއްގައި ރޯވެ، މުދަލަށް ގެއްލުންވެފައިވާ ކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ.
އަލްޖަޒީރާގެ ނޫސްވެރިޔާ ނޫރް އޮޑޭ ރިޕޯޓުކޮށްފައިވާ ގޮތުގައި، އުތުރު ހުޅަނގު އައްސޭރީގައި ނާބްލުސްގެ އިރުމަތިން އޮންނަ ބެއިތު ފޫރިކް ސަރަހައްދުގައި އިޒްރޭލުގެ ވަޒަންވެރިން ވަނީ ޒައިތޫނި ގަސްތައް ހަލާކުކޮށްލާފައެވެ. ހަމަ އެ ވަގުތު އިޒްރޭލު ސިފައިން ވަނީ ބިމުގެ ވެރިންނާއި ޒައިތޫނި ބިންނަން ތިބި މީހުން ހައްޔަރުކޮށްފައެވެ. ރާމަﷲގެ އިރުމަތިން އޮންނަ ދެއިރް ޖަރީރު އަވަށުގައި، ސިފައިންގެ ހިމާޔަތުގައި ތިބި ވަޒަންވެރިން ވަނީ އަލްހަރީގް ސަރަހައްދުގައި ތިބި ދަނޑުވެރިންނަށް އަމާޒުކޮށް އަސްލު ވަޒަން ބޭނުންކޮށްގެން ބަޑިޖަހާފައެވެ. މިއީ ޒައިތޫނި ބެނުމުގެ މަސައްކަތް ހުއްޓުވުމަށް ކުރި ކަމެއް ކަމަށާއި، އެ މީހުންގެ ބިންތަކުން ނުކުތުމަށް މަޖުބޫރުކުރުވި ކަމަށް ނޫސްވެރިޔާ ބުންޏެވެ. މީގެ އިތުރުން، އެ އަވަށުގައި ހަރަކާތްތެރިވާ ބައިނަލްއަގުވާމީ އެކްޓިވިސްޓެއް ކަމަށްވާ ޖޮނަތަން ބަޑްލަކްގެ ކާރަށް ގެއްލުންދީ، ދަނޑުވެރިއެއްގެ ކާރަށް ވަޒަންވެރިން ގާއުކާފައިވާ ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ. ރާމަﷲ ކައިރީގައި އޮންނަ ބުރްގާ އަވަށުގައި ވެސް ސިފައިންނާއި ވަޒަންވެރިން ވަނީ ދަނޑުވެރިންނަށް ހުރަސްއަޅާފައެވެ. އަދި ސަލްފިތުގެ އިރުދެކުނުން އޮންނަ ވާދީ އަލްޝާއިރު ސަރަހައްދުގައި ވެސް ވަޒަންވެރިން ދަނޑުވެރިންނަށް ހަމަލާދީފައިވާ ކަމަށް އަލްޖަޒީރާއިން ބުނެފައިވެއެވެ.
އަލްޖަޒީރާގެ ނޫސްވެރިޔާ ބުނި ގޮތުގައި، ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުން ފެންނަމުންދަނީ ރޭވިގެން ހިންގާ ކެމްޕޭނެއްގެ ބައެކެވެ. އޭނާ ފާހަގަކުރި ގޮތުގައި އިޒްރޭލުގެ ވަޒަންވެރިން އަންނަނީ ސޯޝަލް މީޑިއާގައި ފާޅުގައި ހަމަލާތައް ރާވަމުންނެވެ. އޮކްޓޫބަރު މަހުގެ ކުރީކޮޅުން ފެށިގެން މިފަދަ 300 ހަމަލާ ރެކޯޑުކުރެވިފައިވާ ކަމަށާއި، މީގެ ސަބަބުން ފަލަސްތީނުގެ ދަނޑުވެރިންނަށް ވަރަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އޭނާ ބުންޏެވެ. އަދި ސިފައިން އާންމުގޮތެއްގައި ވަޒަންވެރިންނަށް ހިމާޔަތްދީ، އަމިއްލަ ބިން ދިފާއުކުރަން މަސައްކަތްކުރާ ފަލަސްތީނު މީހުންނަށް ހަމަލާދޭ ކަމަށް ވެސް ނޫސްވެރިޔާ ފާހަގަކުރިއެވެ.
މި ހަމަލާތައް އިތުރުވެފައިވަނީ އިޒްރޭލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިޓަމާރް ބެން-ގްވީރްގެ ޖުވިޝް ޕަވަރ ޕާޓީއަށް ނިސްބަތްވާ އިސް ރައްބީއެއް ކަމަށްވާ ޑޮވް ލިއޯރް ނެރުނު ދީނީ ފަތުވާއަކާ ގުޅިގެންނެވެ. އޭނާއަކީ ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ބިންތައް ފޭރުމަށް މަސައްކަތްކުރާ ދީނީ ޒަޔަނިސްޓް ޖަމާއަތެއް ކަމަށްވާ ހިލްޓޮޕް ޔޫތުގެ މެދުގައި ނުފޫޒުގަދަ މީހެކެވެ. އެ ފަތުވާގައި ލިއޯރް ބުނެފައިވަނީ، ޔަހޫދީންނަށް ޒައިތޫނި ބެނުމަކީ ހުއްދަ ކަމެއް ކަމަށާއި، ސަލާމަތީ ނުރައްކާތައް ހުރި ނަމަވެސް އެއީ ސަވާބު ލިބޭނެ ކަމެއް ކަމަށެވެ. އަދި ޔަހޫދީން ދިރިއުޅޭ ސަރަހައްދުތަކާ ދުރުގައި އޮންނަ ބިންތަކުން ވެސް ޒައިތޫނި ބެނުމުގެ ހުއްދަ އޮންނާނެ ކަމަށާއި، އެއީ އެ ބިމުގެ މިލްކުވެރިކަން ދައްކައިދިނުމަށް ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ލިޔެފައިވެއެވެ. އޭނާ ދައުވާކުރި ގޮތުގައި އެ ބިންތަކަކީ ޔަހޫދީންގެ ބިންތަކެކެވެ. އަދި ފަލަސްތީނު މީހުން އެ ބިންތައް ގަނެފައި ނުވަތަ ކުއްޔަށް ހިފާފައި ނުވާ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
އަލްޖަޒީރާގެ ނޫސްވެރިޔާ ފާހަގަކުރި ގޮތުގައި، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަންނަނީ މި ހަމަލާތަކުގެ ސީރިއަސްކަން ކުޑަކޮށް ދައްކަން މަސައްކަތްކުރައްވަމުންނެވެ. އަދި މިކަން ހުއްޓުވުމަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. ހަމަލާދޭ ވަޒަންވެރިންގެ ނަންތަކާއި އެ މީހުން ދިރިއުޅޭ ތަންތަން އެނގޭއިރު ވެސް އެ މީހުން ނުހުއްޓުވާ ކަމަށް ނޫސްވެރިޔާ ބުންޏެވެ. އޭނާ ބުނި ގޮތުގައި ސިޔާސީ ފަރާތްތަކުން މި އަނިޔާވެރިކަން ކުރިއަށް ގެންދަން ފުރުސަތު ދެނީ، އޮކްޓޫބަރު 27 ގައި އޮންނަ އިންތިހާބުގެ ކުރިން ވޯޓު ހޯދުމުގެ ބޭނުމުގައެވެ.
