ގާޒާގެ އަލް ޝިފާ ހޮސްޕިޓަލުގެ މަސްދަރަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބުދަ ދުވަހުގެ ފަތިހު ގާޒާ ސިޓީގެ އައްރިމާލް އަވަށަށް ދިން މި ހަމަލާގައި ޝަހީދުވެފައި ވަނީ އުމުރުން 33 އަހަރުގެ ރީމް އަސްއަދު އަވާދު އެވެ.

އަލްޖަޒީރާގެ ނޫސްވެރިޔާ އިބްރާހީމް އަލް-ހަލީލީ ގާޒާ ސިޓީގައި ހުރެ ރިޕޯޓުކޮށްފައިވާ ގޮތުގައި މި ހަމަލާ ދީފައިވަނީ ފަތިހު 4:00 (ޖީއެމްޓީން 01:00) ގައެވެ.

މީޑިއާތަކުން އިތުރަށް ބުނެފައިވާ ގޮތުގައި، މި ހަމަލާގެ ސަބަބުން އަމާޒުކުރި އެޕާޓްމަންޓަށާއި އޭގެ ކައިރީގައިވާ އެހެން އިމާރާތްތަކަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ހަމަލާއަށްފަހު އެ ސަރަހައްދުގައި ރޯވި ބޮޑު އަލިފާންގަނޑެއްގެ ތެރެއިން، ޝަހީދުވި އަންހެންމީހާގެ ދަރިފުޅު މަރިޔަމް ގާނިމް ވަނީ ސަލާމަތްކޮށްފައެވެ.

އަލް ޝިފާ ހޮސްޕިޓަލުގައި މިހާރު ފަރުވާދެމުންދާ މަރިޔަމްއަށް ވަނީ ދެވަނަ ދަރަޖައިގެ ފިހުމުގެ އަނިޔާތަކެއް ލިބިފައެވެ. އޭނާގެ ކުރިމަތީގައި މަންމަ އަލިފާނުގެ ތެރޭގައި ޝަހީދުވަމުންދިޔަ މަންޒަރު ފެނި، މަރިޔަމް ރޮމުންދިޔަ ކަމަށް މަންޒަރު ދުށް މީހުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައި ވެއެވެ. މަރިޔަމްގެ ބައްޕަ ވަނީ ހަނގުރާމަ ފެށުނުކޮޅު ދިން ހަމަލާއެއްގައި ޝަހީދުވެފައެވެ. އެހެންކަމުން، މިހާރު އޭނާ ބަލަހައްޓަމުން ދަނީ މާމައެވެ.

ލޯ ކުރިމަތީގައި މަންމަ ޝަހީދުވެގެން ދިޔަ އިރު ތުއްތު ގާނިމް ރޯން

މީސްމީޑިއާގައި އާންމުވެފައިވާ ވީޑިއޯއެއްގައި ވާހަކަދެއްކި މީހަކު ބުނެފައިވަނީ، މަރިޔަމް ސަލާމަތްވީ ގާޒާގެ ހާލަތާމެދު އަޅާނުލައި އޮތް ދުނިޔެއަށް ހެކިދިނުމަށް ކަމަށެވެ. އަދި އޭނާއަށް މިފަދަ ހާލަތެއް މެދުވެރިވާން ޖެހުނީ ކީއްވެގެންތޯ އެ މީހާ ސުވާލުކޮށްފައި ވެއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި، އިޒްރޭލު ސިފައިން ގާޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 22،000 އާ ގާތްކުރާ އަދަދަކަށް ކުޑަކުދިން ވަނީ މަރުވެފައެވެ.

އިޒްރޭލުން ބުނެފައިވަނީ މި ހަމަލާ ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި އެ ހަމަލާއަކީ ހަމާސް ޖަމާއަތުގެ މެންބަރަކަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށް އިޒްރޭލުން ދައުވާކުރި ނަމަވެސް، އެކަމުގެ އެއްވެސް ހެއްކެއް ދައްކާފައެއް ނުވެއެވެ.

ފަލަސްތީނުގެ ހަމާސް ޖަމާއަތާއެކު މިދިޔަ އޮކްޓޯބަރު މަހު އިޒްރޭލުން ހަމަލާތައް މެދުކަނޑާލުމަށް އެއްބަސްވި ފަހުން، އިޒްރޭލުން ވަނީ ގާޒާއިން ފަލަސްތީނުގެ 1051 މީހުން މަރާލާފައެވެ. މި އެއްބަސްވުމަކީ ގާޒާގައި ފަލަސްތީނު މީހުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާގެ ތާއީދާއެކު ހުށަހެޅި ފުޅާ ހުށަހެޅުމެއްގެ ބައެކެވެ.

އެމެރިކާގެ މި ހުށަހެޅުމުގެ ދެވަނަ މަރުހަލާއަށް ދިއުމަށް ކުރަމުންދާ މަޝްވަރާތައް މިހާރު ވަނީ ހުއްޓިފައެވެ. މި މަރުހަލާގައި ހިމެނެނީ ގާޒާއިން އިޒްރޭލުގެ ސިފައިން ފޭބުމާއި، ހަމާސް ޖަމާއަތުގެ ހަތިޔާރުތައް ނެގުމެވެ.

ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުން، ކޮންމެ ދުވަހަކު އިންސާނީ އެހީގެ 600 ޓްރަކް ގާޒާއަށް ވެއްދުމަށް ހުއްދަދޭން ޖެހެއެވެ. ނަމަވެސް، އިޒްރޭލުގެ ކަމާބެހޭ ފަރާތްތަކުން ދަނީ ގާޒާއަށް ވަންނަ ތަކެއްޗަށް ހަރުކަށި ދަތިކުރުންތަކެއް ކުރިމަތިކުރަމުންނެވެ. އަދި ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ގާޒާ އަލުން ބިނާކުރުމުގެ މަސައްކަތްވެސް އަދި ފަށާފައެއް ނުވެއެވެ.