އިޒްރޭލާއި އެމެރިކާއިން އީރާނު ސުންނާފަތި ކޮށްލުމަށް ފެށި ހަނގުރާމައިގައި ތެލުގެ ސަޕްލައި އަށް ބުރޫ އަރާފައި ވާތީ ތެޔޮ ނުލިދާނެ ބިރަށްޓަކައި ލަންކާގައި ކޮންމެ ބުދަދުވަހެއް ބަންދު ކުރަން ނިންމައިފިއެވެ.
ދުނިޔޭގެ އެކިކަންކޮޅުތަކަށް ފޯރުކޮށްދޭ ތެލުގެ 20 ޕަސެންޓް ހިފައިގެން ދަތުރު ކުރާ ބޯޓުފަހަރު ބޭނުން ކުރާ ހޮރުމޫޒު ކަނޑު އޮޅި އޮންނަނީ އީރާނަށް އިންވެގެން އޮންނަ 750 މޭލުގެ ދިގު ގޮނޑުދޮށާ ގުޅިފައެވެ. އެ ކނަޑުއޮޅީގެ ސަމަލާތާއި ރައްކާތެރިކަން އީރާނުގެ އަތްމަތީގައި އޮތް އިރު، އީރާނުން ދަނީ އެކަނޑުއޮޅިން ދަތުރު ކުރާ އެމެރިކާ އައި އެމެރިކާގެ ބައިވެރިންގެ ތެޔޮ ބޯޓު ފަހަރު ހުއްޓުވައި ހަމަލާ ދެމުންނެވެ.
ލަންކާއިން ބުނދަދުވަސް ބަންދު ކުރަން ނިންމީ، ރާއްޖެ ހިމެނޭހެން ދެކުނު އޭޝިއާގެ ގައުމުތަކަށް ތެޔޮ ލިބުމުގައި މިހާރު ދަތިތަކާ ކުރިމަތިވެފައި ވާތީ އިގުތިސޯދީ ފިޔަވަޅެއްގެ ގޮތުން ކަމަށް އެގައުމުގެ އިދާރާތަކުން ބުނެއެވެ.
އެ ގައުމުގެ އިސް އޮފިޝަލުންނާއެކު ބޭއްބެވި އިމަޖެންސީ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރައީސް އަނުރަ ކުރާމަ ޑިސަނަޔަކެ ވިދާޅުވެފައި ވަނީ، 'އެންެމެ ގޯސްވެދާނެ ހާލަތަށް އަހަރެމެން ތައްޔާރުވާން ޖެހޭނެ، އަދި އުއްމީދު ކުރަންވާނީ އެންމެ ރަނގަޅަށް ވުމަށް' އެވެ.
ލަންކާއިން މި ފިޔަވަޅު އެޅި އިރު، ހޮރުމޫޒު ކަނޑުއޮޅިން ބޭރު ކުރާ ތެލުގެ 90 ޕަސެންޓް ގަންނަނީ އޭޝިއާގެ ގައުމުތަކުނެންވެ. އޭގެ ތެރޭގައި ސާކުގައި ހިމެނޭ ހުރިހާ ގައުމެއް ވެސް ހިމެނެއެވެ. އޭޝިއާގެ ބައެއް ގައުމުތަކަށް ބައެއް ފަހަރު ތެޔޮ ގަންނަނީ ސީދާ މެދުއިރުމަތީގެ ގައުމަކުންނެވެ. އަނެއްބައި ފަހަރު އިންޑިއާ، ޗައިނާ ފަދަ ގައުމުތަކުންނެވެ. ދުނިޔޭގެ ތެލުގެ 2 ވަނަ ގައުމު، އީރާނުން ބޭރު ކުރާ ތެލުގެ 90 ޕަސެންޓް ގަންނަނީ ޗައިނާއިންނެވެ.
ތެލަށް ޖެހިދާނެކަމުގެ ބިރަށްޓަކައި އޭޝިއާގެ ބައެއް ގައުމުތަކުން އަޅަމުން ދާ ފިޔަވަޅުތައް؛
ތައިލޭންޑް: އަތްދިގުކޮށް ސޫޓު ފަދަ ހެދުން ލުމުގެ ބަދަލުގައި އަތް ކުރުކޮށް ލުއިކޮށް ހެދުން އެޅުމަށް ވަނީ އިރުޝާދު ދީފައެވެ. އޭގެ ސަބަބުން އޭސީ އަށް ބޭނުންވާ މިންވަރު ކުޑަކުރެވޭނެ ކަމަށް ބުނެއެވެ.
މިޔަންމާ: ވަކި ނަންބަރު ޕްލޭޓް ތަކެއް ހުންނަ ޕްރައިވެޓެ ވެހިކަލް ދުއްވޭނީ ދެދުވަހުން އެއްދުވަހު ކަމުގައި ވަނީ ކަނޑައަޅާފައެވެ.
ފިލިޕީންސް: ހަފްތާގެ 1 ދުވަހު ގޭގައި ތިބެގެން މަސައްކަތް ކުރާ ގޮތަށް ވަނީ ނިންމާފައެވެ. އަދި މުހިންމު ބޭނުމެއް ނެތިއްޔާ ސަރުކާރުގެ ދާއިރާތަކުގައި ދަތުރުފަތުރު ނުކުރަންވެސް އާންމުންނަށް ވަނީ އަންގާފައެވެ. މީގެ އިތުރުން 3 ފުރޮޅުލީ އުޅަނދު ދުއްވާ މީހުނަށާއި، ދަނޑުވެރިންނަށާއި މަސްވެރިންނަށް އެހީތެރިވުމުގެ ގޮތުން، 50-84 އެމެރިކާ ޑޮލަރާ ދެމެދުގެ އަދަދަކަށް ސަބްސިޑީއެއް ދޭން ވެސް ވަނީ ނިންމާފައެވެ.
ވިއެޓްނާމް: ތެލަށް ހިނގާ ހަރަދު ކުޑަކުރުމަށް އާންމު ރައްޔިތުން ގިނަ ވަގުތު ގޭގައި ތިބުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ދަތުރުފަތުރު ކުރާނަމަ ބައިސްކަލް، އާންމު ދަތުރުފަތުރުގެ ނިޒާމު ފަދަ ހިދުމަތްތައް ބޭނުން ކުރުމަށް ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.
އެމެރިކާގެ ބައިވެރިންގެ ތެރޭގައި ހިމެނޭ ޖަޕާނަކީވެސް އީރާނުން ގިނަ އަދަދެއްގެ ތެޔޮ ގަންނަ ގައުމެއް ކަމަށް ވާއިރު، އީރާނުން ތެޔޮ ލިބުމުގައި އެގައުމަށް ދަތިތަކާ ދިމާވެ، މިހާރު ވަނީ ރިޒާވްގައި ހުރި ތެޔޮ ބޭނުން ކުރަން ފަށާފައެވެ.
އޭޝިއާގެ ގައުމުތަކުގެ ތެރެއިން ރާއްޖެއަށް ބަލާއިރު، ރާއްޖޭގައި ތެޔޮ ވިއްކާ ހުރިހާ ކުންފުނި އެއްކޮށްލީމައި ހުރީ މަސްދުވަހަށް ވާވަރުގެ ތެޔޮ ނަމަވެސް ދިވެހި ސަރުކާރުން ބުނަނީ ތެލަށް ނުޖެހޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށެވެ. ރާއްޖެއިން ތެޔޮ ގެންނަ ގައުމުތަކުގެ ތެރޭގައި އޮމާން ހިމެނޭއިރު ހަނގުރާމައާހެދި އެމަގުގެ ރައްކާތެރިކަމާ މެދު ވަނީ ސުވާލު އުފެދިފައެވެ. މިއާއެކު ރާއްޖެއިން ވަނީ އިންޑިއާއިން ތެޔޮ ހޯދަން އެދިފައެވެ.
އިންޑިއާ އަކީ ވެސް އީރާނުން ތެޔޮ ގަތުމުގައި ބޮޑު ގައުމެއް ކަމަށްވާއިރު އިންޑިއާގެ ތެޔޮ ބޯޓުތައް ހޮރުމޫޒު ކަނޑުއޮޅިން ހުރަސް ކުރުމުގެ ހުއްދަ އީރާނުން އަންނަނީ ދެމުންނެވެ.
ހޮރުމޫޒު ކަނޑުއޮޅި ބަންދު ކޮށްފައި އޮތް ކަމަށް އެމެރިކާއިން ބުނެ އަޑު ފެތުރި ނަމަވެސް އީރާނުގެ ހާރިޖީ ވަޒީރު ވިދާޅުވީ އެ ކަނޑުއޮޅި ބަންދު ނުކުރާ ކަމަށާއި ބަންދު ވީ އެމެރިކާ އާއި އެމެރިކާގެ ބައިވެރިންގެ ތެޔޮބޯޓު ފަހަރަށް ކަމަށެވެ.
ލަންކާގައި ތެޔޮ އިގުތިސޯދު ކުރުމަށް އެޅި ފިޔަވަޅުގެ ތެރޭގައި ހިމެނިގެން ދެން މަސައްކަތް ކުރާނީ ހަފްތާއަކު 4 ދުވަހުއެވެ. އެ 4 ދުވަހު، ސްކޫލުތަކާއި ޔުނިވާސިޓީތައް ވެސް ބަންދު ވާނެއެވެ. ނަމަވެސް ސިއްހީ ހިދުމަތްތަކާއި އާންމު އެހެނިހެން ހިދުމަތްތައް ދޭ ތަންތަން ހުޅުވާނެއެވެ.
ސައިކަލު ދުއްވާ މީހުނަށް ޕެޓްރޯލާއި ޑީސަލް ލިބޭނީ ކޮންޓްރޯލް ނިޒާމެއްގެ ތެރެއިން ކަމަށާއި 'ނެޝަނަލް ފިއުލް ފާސް' ގައި ރަޖިސްޓާވެގެން ކަމަށް ވެސް ވަނީ ކަނޑައަޅާފައެވެ.
އީރާނު ހަނގުރާމައާ ހެދު ތެލުގެ ބާޒާރުގައި އަގު އުފުލި ސާފު ނުކުރާ ފީފާއެއް މިހާރު ހުރީ 108 ޑޮލަރަށް އަރާފައެވެ. މިއީ ހަނގުރާމައިގެ ކުރިން 65 ޑޮލަރުގައި ހުރި އަގަށް 17 ވަރަކަށް ދުވަހުގެ ތެރޭގައި އައިސްފައި ވާ ބަދަލެވެ.
