"ލޫޓުވާލައިފި" ނަމުގައި މިދިޔަ އޮކްތޯބަރު މަހުގެ 3 ވަނަ ދުވަހު އެމްޑީޕީން މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައި 8 މީހަކަށް ދައުވާ ކުރަން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އިން ބުނެފިއެވެ.
އެ 8 މީހުންގެ މައްޗަށް ކުރެވޭ ތުހުމަތު ތަކަކީ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް މާލޭގެ އެކި މަގުތަކަށް އެއްވެ އަޑުގަދަކޮށް މުޒާހަރާކޮށް އާންމު ދަތުރުފަތުރު ކުރުމަށާއި، އާންމު ވިޔަފާރިތަކަށް ދަތިވާނެހެން ހަރަކާތްތެރިވެ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުން ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން
- އަބްދުއްސަލާމް
- މުހައްމަދު ހަމާއިދު އަބްދުލްޣަނީ
- އަލީ ނައުފަލް
- މައުރޫފް ޒާކިރު
- އާއިޝަތު ނަޖުދާ އަލީ
- އަލީ މުއައްވަޒް
- ފާތުމަތު ޒަހިއްޔާ
- ހުސައިން ރަޝީދު
ޕީޖީ އިން ބުނީ، އެ މީހުންގެ މައްޗަށް ގާނޫނު ނަންބަރު: 9/2014 ގެ 532 ވަނަ މާއްދާގެ (ހ) ގެ ދަށުން، ގާނޫނު ތަންފީޒް ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާ ކުރަން މިދިޔަ މަހުގެ 26 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލާގައި އިތުރު 7 މީހަކަށް ތުހުމަތު ކުރެވޭ ކަމަށާއި ނަމަވެސް އެ މީހުންގެ މައްޗަށް ދައުވާ ކުރެވޭ މިންވަރަށް ހެކި ގަރީނާ ލިބިފައި ނުވާތީ އާއި، ދައުވާ ކުރުމުގެ އާންމު މަސްލަހަތު ނެތުމުން އެ މީހުންގެ ބައި ފުލުހުންނަށް އަނބުރާ ފޮނުވާފައިވާ ކަމަށެވެ.
މުޒާހަރާއާ ގުޅުންހުރި މައްސަލަތަކުގައި ދައުވާކުރުމުގައި މި އޮފީހުން ހިފަހައްޓާ ހަމައަކީ މީހަކަށް އަނިޔާއެއް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިފައިވާކަމުގެ ހެކި، ނުވަތަ މީހަކަށް އަނިޔާއެއް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިދާނެ ޙާލަތެއް ކުރިމަތިކުރުވާފައިވާކަމުގެ ހެކި ލިބިފައިވާނަމަ، ދަޢުވާކުރުމުގެ ޢާންމު މަޞްލަޙަތު އޮތްކަމަށް ބަލައި ދަޢުވާ ކުރުމެވެ.
