ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމުގައި އޮޅުވާލުންތަކެއް ހުރި ކަމަށް ބުނާ މައްސަލައިގައި، އެ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް އުފުލާފައިވާ ޖިނާއީ ދައުވާތަކަށް ވަކީލަކު ހަމަޖެއްސުމަށް ކޯޓުން މިއަދު 10 ދުވާގެ މުއްދަތެއް ދީފިއެވެ.

މިއަދު ހެނދުނު ކޯޓުގައި ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ސައުދުގެ މައްޗަށް ދެ ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ:

  • ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ
  • ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ

މި ދެ ކުށް ސާބިތުވެއްޖެ ނަމަ މި ދެ ކުށުގެ އަސާސީ އަދަބަކީ ޖުމުލަ 2 އަަހަރާއި 1 މަސްދުވަހަށް ޖަލަށް ލުމެވެ.

2023 ވަނަ އަހަރު ތިނަދޫއަށް ސިޓީގެ ދަރަޖަ ދިނުމާ ގުޅުވައިގެން ހިންގި މި މައްސަލައިގެ ތަހުގީގު ނިންމައި، ފުލުހުން ޕީޖީ އޮފީހަށް މައްސަލަ ފޮނުވާފައިވަނީ މިދިޔަ އޮގަސްޓު މަހުއެވެ.

ޕީޖީ އޮފީހުން ބުނީ އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ރަށު ކައުންސިލްގެ ރައީސް މަގާމުގައި ހުރެ ސައުދު ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ފޮނުއްވި ސިޓީގެ ލިސްޓުގައި މަރުވެފައިވާ މީހުންގެ މައުލޫމާތާއި އެއް ނަންތަކެއް ތަކުރާރުކޮށް ހިމަނާފައިވާކަމަށެވެ.

މީގެއިތުރުން ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާކުރަން ފޮނުވީ ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށްޓަކައި ދައުލަތުގެ އިދާރާތަކަށް ލިސްޓެއް ފޮނުވިކަން ރެކޯޑް ކުރެވިފައިނުވާ ކަމަށް ބުނެ ފުލުހުންނަށް ދޮގު މައުލޫމާތު ދީފައިވާތީ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

މި ވާހަކަތަކާ ގުޅިގެން ސައުދު ވިދާޅުވީ މިއީ ސިޔާސީ ނުފޫޒު ބޭނުންކޮށްގެން އޭނާ މަގާމުން ދުރުކުރުމަށް ކުރިއަށްގެންދާ މަސައްކަތެއްކަމަށެވެ.