ދިވެހިރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގައި ގާނޫނާ ހިލާފަށް ހަރަކާތްތެރިވަމުންދިޔަ ސްރީލަންކާގެ ދެ މަސްބޯޓް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އެމްއެންޑީއެފް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މި ބޯޓުތައް ހިފަހައްޓާފައި ވަނީ، އެމްއެންޑީއެފް ކޯސްޓްގާޑާއި، އެމްއެންޑީއެފް އެއަރ ކޯރްއިން ހިންގި ސަރްވެއިލަންސް އޮޕަރޭޝަނެއްގެ ތެރެއިންކަމަށެވެ.
ސްރީލަންކާއަށް ނިސްބަތްވާ މި ބޯޓުތައް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ފެބުރުވަރީ 1ވަނަ ދުވަހުގެ 14:02 ހާއިރު، ހއ. ކެލާގެ އިރުން 109 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަނިކޮށްކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.
އަދި މިހާރު މި ދެ ބޯޓު ކުޅުދުއްފުށި ސިޓީ ބަނދަރަށް ވައްދައި ފުލުހުންނާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވެސް އެމްއެންްޑީއެފް އިން ވަނީ ބުނެފައެވެ.
