މި އަހަރުގެ ރޯދަމަހަށް ހާއްސަކޮށް 'ރަން ފުރުސަތު' 2026 ގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް އިން ޕްރޮމޯޝަނެއް ފަށައިފިއެވެ.
މި ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 10 އިން އަންނަ މާޗް މަހުގެ 16 ގެ ނިޔަލަށެވެ. މި ޕްރޮމޯޝަނުގައި ހިމެނޭ ފިހާރަތަކުން މި މުއްދަތުގައި ވިޔަފާރި ކޮށްގެން ކޮންމެ ހަފްތާއަކު އިނާމު ހޯދުމުގެ ފުރުސަތު އަދި ޕްރޮމޯޝަން ނިމުމުން ގްރޭންޑް ޕްރައިޒް ހޯދުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.
ބީއެމްއެލް އިން ބުނީ، މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ބީއެމްއެލް ކާޑު މެޝިން، ސްޓެޓިކް ކިއުއާރު ނުވަތަ ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ކުރާ މުއާމަލާތްތަކަށް އެކަނި ކަމަށެވެ. އެގޮތުން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ރަން ފުރުސަތު ޕްރޮމޯޝަން ކުރިއަށް ގެންދާ ފިހާރަތަކުގެ ލިސްޓުގެ ތެރެއިން ހިމެނޭ ފިހާރަތަކުގެ ލިސްޓުން ފިހާރަައަކުން ވިޔަފާރިކޮށްގެންނެވެ.
އެ ލިސްޓުގައި ހިމެނޭ ފިހަރާތަކަކީ ރެޑްވޭވް، އެމްއެޗްއޭ، އެސްޓީއޯ، އިހުސާން ފިހާރަ، ޔޫރޯ ސްޓޯރ، އެސްޖޭ، ވީބީ، ސަމަން، ޝޮޕް އެންޑް ސޭވް، ވިލާ މާޓް، މިފްކޯ، ފަހި، ތްރީއެސް، ނައިޑް، ނަވައި، ވައިޓް ސްޓާ، ޔެލީ، ސޯސަން، ފެމިލީ ގްރޯސާ، ފެންޓަސީ، ޗެކްމާކް، ކީސާ ޒޯން އަދި ޓްރޭޑް ވޭވްސް އެވެ.
މި ޕްރޮމޯޝަނުގެ މުއްދަތުގައި ކޮންމެ ހަފްތާއަކުވެސް 5 ނަސީބުވެރިއަކަށް 2،000 ރުފިޔާގެ ގިފްޓު ކާޑެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ. އަދި ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް 100،000 ރުފިޔާގެ ގިފްޓް ކާޑެއް ލިބިގެން ދާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
މި ޕްރޮމޯޝަނުގައި ބައިވެރިވާ ފިހާރަތަކުން ކޮންމެ ހަފްތާއަކު ވެސް 500 ރުފިޔާގެ ވިޔަފާރި ކުރާ ފަރާތްތަކަށް މި ގުރުއަތުގައި ބައިވެރިވެވޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ. އަދި ގްރޭޑް ޕްރައިޒް ގުރުއަތުގައި ބައިވެރި ވެވޭނީ، ޕްރޮމޯޝަނުގެ މުއްދަތުގައި ޖުމްލަ 10،000 ރުފިޔާގެ ވިޔަފާރި ކުރާ ފަރާތްތަކަށް ކަމަށް ވެސް ބީއެމްއެލް އިން ބުނެއެވެ.
