ހުޅުމާލެ ފޭސް1ގެ ކެފޭއެއްގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ ހުޅުމާލެ ފޭސް އެކެއްގައި ހުންނަ "ބްރަންޗް ހައުސް" ކެފޭގައި ރޭ އަލިފާން ރޯވެފައިވާ ކަމަށާއި، މި އަލިފާންގަނޑު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔާ ސްޓޭޝަނުން ނިއްވާލާފައިވާކަމަށެވެ.
އެމްއެންޑީއެފް އިން ބުނީ މި ހާދިސާގެ ރިޕޯޓް ރޭ 00:58 ހާއިރު އެމްއެންޑީއެފް އަށް ލިބިފައިވާކަމަށާއި، އެއާއެކު ހުޅުމާލޭ ފަޔާ ސްޓޭޝަނުގެ ފަޔާފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާކަމަށެވެ.
އެމްއެންޑީއެފް އިން ބުނީ ކެފޭގައި ރޯވެފައި ހުރި އަލިފާން ނިއްވާލެވުނީ ރޭ 01:19 ހާއިރުކަމަށެވެ. އަލިފާން ރޯވާން ދިމާވި ސަބަބެއް އެމްއެންޑީއެފް އިން ހާމަކޮށްފައިނުވާއިރު، އެމްއެންޑީއެފް އިން ވަނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައިނުވާ ކަމަށް ބުނެފައެވެ.
އިމާރާތްތަކުގެ އިތުރުން އެކި ތަކެތީގައި އަލިފާނުގެ ހާދިސާތައް ހިނގަމުންދާ މިންވަރު މި ފަހަކުން ވަނީ އިތުރުވެފައެވެ. މިފަދަ ހާދިސާތަކުގައި މުދާތަކަށް ގެއްލުންވެ ބައެއް ފަހަރު މީހުންގެ ފުރާނަވެސް ގެއްލިފައި އެބަހުއްޓެވެ.
