ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ރައީސްގެ މަގާމަށް ކުރީގެ އެގްރިކަލްޗާ މިނިސްޓަރު އަދި މިހާރު އެ ކޮމިޝަނުގެ މެންބަރު ޑރ. އާއިޝަތު ރަމީލާ އައްޔަންކުރުމާމެދު ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުވައިފިއެވެ.

އެޗްއާރްސީއެމްގެ ރައީސްގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ހުންނެވި މަރްޔަމް މުނާގެ މެންބަރުކަމުގެ މުއްދަތު މިދިޔަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު ހަމަވުމާ ގުޅިގެންނެވެ.

ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރުކަމަށް ރަމީލާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ. އަދި މުނާގެ މެންބަރުކަމުގެ މުއްދަތު ހަމަވުމާއެކު އެޗްއާރްސީއެމްގެ މެންބަރުގެ މަގާމަށްް ރަމީލާ އައްޔަންކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހުއެވެ.

އެޗްއާރްސީއެމްގެ ރައީސްގެ މަގާމަށް އައްޔަންކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރަމީލާގެ ނަން ފޮނުއްވާފައި ވާއިރު، އެކަން ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއަށް މިއަދުގެ ޖަލްސާގައި ވަނީ ފޮނުވައިފައެވެ.

މި ސަރުކާރުގެ ފުރަތަމަ، އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރުކަން ކުރެއްވި ރަމީލާ އެ މަގާމުން އިސްތިއުފާދެއްވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދެވުމަށް ޑިސެމްބަރު 1، 2024 ގައެވެ.

އެޗްއާރުސީއެމްގައި މި ވަގުތު ތިއްބެވި 5 މެންބަރުންނަކީ އެ ކޮމިޝަންގެ ނައިބު ރައީސް މުހައްމަދު ޝަފީގް މަހްމޫދު، މެންބަރު ސަމާއު އަހުމަދު ނަޖީބު، އިސްމާއިލް ހަބީބު، އަހްމަދު މަގުސޫމް އަދި ޑރ. އާއިޝަތު ރަމީލާއެވެ.