ސިނަމާލެ ބްރިޖުގައި ޖެހި، ފަހުން އަޑިއަށްދިޔަ ތެޔޮ ބޯޓުތަކުގައި ތިބި ފަޅުވެރިންގެ ސިއްހީ ހާލަތާއި ކެއިންބުއިމާއި އަސާސީ ބޭނުންތައް ފުރިހަމަވެފައިވޭތޯ ބަލައި، ކަމާބެހޭ އިދާރާތަކާ ގުޅިގެން މިދިޔަ ޖުލައި މަހުގެ ތެރޭގައި އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފިއެވެ.
އެޗްއާރްސީއެމުން ބުނީ، މި މައްސަލައަކީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި އެ ކޮމިޝަނުގެ ސަމާލުކަމަށް އައިސްގެން ބެލި މައްސަލައެއް ކަމަށެވެ. އަދި މި މައްސަލަ ސަމާލުކަމަށް އައީ އުޅަނދުގައި ބޯފެނާއި ކާތަކެއްޗާއި، އަސާސީ ސާމާނު ހުސްވެފައިވާ ކަމަށް ބުނެ އެ އުޅަނދުގެ ފަޅުވެރިންގެ ފަރާތުން ކޮމިޝަނަށް ހުށަހެޅުމުން ކަމަށްވެސް އެޗްއާރްސީއެމުން ފާހަގަކުރިއެވެ.
މި މައްސަލައާ ގުޅިގެން އުޅަނދުގައި ތިބި ފަޅުވެރިންގެ ހާލަތު ބެލުމަށްފަހު، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށާއި ހައްގުތައް ކަށަވަރުކުރުމަށްޓަކައި ދިވެހި ފުލުހުންގެ ހިދުމަތާއި، މޯލްޑިވްސް ކަސްޓަމްސް ސާވިސް އަދި ރާއްޖެއިން ކަނޑައަޅާފައިވާ އެޖެންޓާ ގުޅިގެން ޖުލައި މަހުގެ ތެރޭގައި އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށް ކޮމިޝަނުން މައުލޫމާތު ދެއެވެ.
މި ހާދިސާއާ ގުޅޭގޮތުން އެމްއެންޑީއެފް އިން ބުނީ، ސެޕްޓެމްބަރު 10 ވީ ބުރާސްފަތި ދުވަހުގެ ރޭ ސިނަމާލެ ބްރިޖު ދަށުން އޮޔާގޮސް މާލެ އަތޮޅުން ބޭރަށް ދަނިކޮށް، އެ ބޯޓުތަކުގައި ތިބި 9 ފަޅުވެރިން ސަލާމަތްކޮށް މިހާރު ކަސްޓަމްސްއާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައި އޮތް އެ ދެ ބޯޓަކީ ވަރަށް ބާވެފައިވާ ދެ ބޯޓަށްވުމާއެކު، ބޯޓަށް ދިޔަވެ މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލް މޭލު ބޭރަށް ރޭގެ ވަގުތެއްގައި ވަނީ އަޑިއަށް ގޮސްފައެވެ. މި ހާދިސާގައި އެއްވެސް ފަޅުވެރިއަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ބޯޓުތައް ޖެހި ބްރިޖަށް ލިބުނު ގެއްލުންތަކާ ގުޅިގެން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ، ބްރިޖު އެޅި ސެކަންޑް ހާބަރު އިންޖިނިއަރިން ކޮމްޕެނީ (އެސްއެޗްއީސީ) ގެ އިންޖިނިއަރުން ބްރިޖު އިންސްޕެކްޓް ކޮށްފައިވާ ކަމަށެވެ. އަދި ބްރިޖުގެ ސްޓްރަކްޗާއަށް އެއްވެސް ގެއްލުމެއް ނުވާ ކަމަށާއި، ލިބިފައިވަނީ ހަމައެކަނި މަތީ ފަށަލައަށް ލިބުނު ކުދިކުދި ސްކްރެޗްތަކެއް ކަމަށް ވިދާޅުވިއެވެ. މި ބައިތައް ޗައިނާގެ ހިލޭ އެހީގެ ދަށުން ވެވިފައިވާ އެއްބަސްވުމުގެ ދަށުން އެސްއެޗްއީސީން މަރާމާތު ކުރާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މިކަމާ ގުޅިގެން އިދިކޮޅު އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބްރިޖުގެ ތަނބަކަށް އުރުނު ދެ ބޯޓަކީ މިދިޔަ އޭޕްރިލް މަހު އެއްވެސް ހުއްދައެއް ނެތި ރާއްޖެ ސަރަހައްދަށް ވަދެ މާލެ ސަރަހައްދުގައި ބަނދަރުކޮށްފައި އޮއްވާ ފެނުނު ދެ ބޯޓު ކަމަށެވެ. އަދި އެ ދެ ބޯޓު ރާއްޖެ ސަރަހައްދުގައި އޮތްކަން ސަލާމަތީ ބާރުތަކަށް އެނގުނީ ބަނދަރުކުރިތާ ހަފުތާއެއް ފަހުން ކަމަށާއި، އޭގެ ތެރެއިން އެއް ބޯޓުގައި ނަގިއްޔެއް ނެތްއިރު އިންޖީނު މަސައްކަތް ކުރަނީވެސް އެންމެ ބޯޓެއްގައި ކަމަށް އެމްޑީޕީން ވަނީ ފާހަގަކޮށްފައެވެ.
