ފާއިތުވި ތިން ހަފްތާ ތެރޭގައި 83 މަސާޖް ޕާލާ ބަންދުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ހުޅުމާލެ ފޭސް2 ގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ސެލޫންތަކުގެ ނަމުގައި ގާނޫނާއި ގަވާއިދާ ހިލާފަށް ދީނީ މިންގަނޑަށްވެސް ނުފެތޭގޮތަށް ހިންގަމުންދިޔަ މަސާޖުޕާލާތަށް ބަންދުކުރުމަށް ކުރެވުނު މަސައްކަތްތައް ހާމަކުރައްވާފައެވެ.
އެގޮތުން ރައީސް ވިދާޅުވީ ޑިސެންބަރު 9 ވަނަ ދުވަހުން ފެށިގެން ޑިސެންބަރު 21، 2025 އާއި ދެމެދު އިކޮނޮމިކް މިނިސްޓްރީ، އިމިގްރޭޝަން އަދި ފުލުހުން ގުޅިގެން އުފެއްދި ޓާސްކްފޯހުން އިން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި 83 މަސާޖް ޕާލާ ބަންދުކޮށްފައިވާ ކަމަށެވެ. އަދި ބިދޭސީން ގަވައިދާ ހިލާފަށް ހިންގަމުންދިޔަ 56 ވިޔަފާރިއެއް، މިދިޔަ ތިން ހަފުތާތެރޭގައި އެކަނިވެސް ބަންދުކުރެވިފައި ވާކަން ރައީސް ފާހަގކުރެއްވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ރާއްޖޭގެ ތާރީހުގައި ވެސް މީގެ ކުރިން މި އަދަދާ ގާތްކުރާ ވަރަށް ވެސް މަސާޖް ޕާލާ ބަންދުކޮށްފައިނުވާ ކަމަށެވެ. އަދި މި އޮޕަރޭޝަނާ ގުޅިގެން ބައެއް ބިދޭސީން ހައްޔަރުކޮށް، ޑިޕޯޓްކުރުމުގެ މަރުހަލާ ކުރިއަށްދާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
އިތުރަށް ރައީސް ވިދާލުވީ އެމަނިކުފާނުގެ އަމާޒަކީ ރައްޔިތުން ބޭނުންވާ ފަދައިން ހުރިހާ މާނައެއްގައި ވެސް ސާފު މުޖުތަމައެއް ބިނާކުރުން ކަމަށާއި، ރައްޔިތުންގެ ހިޔާލުތަކަށް އަމަލީ ސިފަ ގެނެސްފައިވާނެ ކަމަށެވެ.
މި ސަރުކާރުން ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ބިދޭސީން ގަވައިދަށް ފެއްތުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
