ބޮޑުކަންނެލި މަސްވެރިން ކުރަމުން އަންނަ އިހުތިޖާޖުގެ ތެރެއިން ދޯނިތަަށް ފުލުހުން އަރާފައިވަނީ ބިދޭސީން ހަރަކާތްތެރިވަމުންދާ މަސްދޯނިތަކަށް ކަމަށް ފުލުހުން ބުނެފިއެވެ.

މާލޭގެ ފަޅުގެ ބޭރުގައި ބޮޑުކަންނެލި މަސްވެރިން އިހުތިޖާޖު ކުރަންފަށާފައި ވަނީ އިއްޔެއެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މަސްވެރިން މިހާރު ކުރަމުންދާ އިހުތިޖާޖުގައި ބިދޭސީން ބައިވެރިވަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި އެކަން އެގޮތަށް ނުކުރުމަށް ނަސޭހަތްތެރިވެފައިވާނެ ކަމަށް ފުލުހުން ބުނެއެވެ.

އެ ދޯނިތަކުގައި މަސައްކަތްކުރާ ބިދޭސީންނާ ގުޅޭ މައުލޫމާތު ހޯދުމަށްޓަކައި ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެގޮތުން މިއަދު އިހުތިޖާޖުގައި ބިދޭސީން ހަރަކާތްތެރި ވާކަމަށް ފާހަގަކުރެވިފައިވާ ދޯނިތަކަށް ފުލުހުން ވަނީ އަރާފައެވެ.

ބޮޑުކަންނެލި މަސްވެރިންގެ އިހުތިޖާޖު ފަށާފައިވަނީ އިއްޔެ ހުޅުމާލެ ކަންނެލި ޖެޓީއިންނެވެ. އެ އިހުތިޖާޖު ފެށީ ޖުމްލަ 49 މަސްދޯންޏާއެކުގައެވެ. ހުޅުމާލެ ކަންނެލި ޖެޓީ ސަރަހައްދުގައި އިހުތިޖާޖު ކުރުމަށްފަހު މަސްވެރިން ވަނީ އިއްޔެ ހަވީރެއްހާއިރު މަސްވެރިންގެ ޕާކާ ދިމާބޭރު ފަޅު ސަރަހައްދަށް ދޯނިފަހަރުގައި ގޮސް އިހުތިޖާޖު ކުރަންފަށާފައެވެ.

ބޮޑުކަންނެލި މަސްވެރިން އެދެމުންދަނީ މިފްކޯއަށް ބޮޑުކަންނެލި މަސް ގަންނަން ފެށުމާއި 80ރ އާއި 100ރ އާ ދެމެދުގެ އަގެއްގައި މަސްގަތުމުގެ އިތުރުން ކަނޑައެޅިފައިވާ ވަކި ރޭޓެއްގައި ތެޔޮ ގަންނަން ލިބޭނެ މަގުފަހިކޮށްދިނުމަށެވެ.

މިކަމާ ގުޅިގެން ފިޝަރީޒް މިނިސްޓަރު ޝިޔާމް ވިދާޅުވީ ބޮޑުކަންނެލީގެ މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޮޑުކަންނެލި ގަންނަ ކުންފުނިތަކަށް ވިއްކާފައި ހުރި މަހަށް ފައިސާ ނުލިބި ދިގުލައިގެންދާތީ އާއި މަސްވެރިކަން ރަނގަޅުވާ ވަގުތު ކަންނެލީގެ އަގު ދަށްވާތީ ކަމަށެވެ. އެހެންކަމުން އެކަން ހައްލުކުރަން ބޮޑުކަންނެލީގެ މަސްވެރިންގެ ހުށަހެޅުމަކީ ސަރުކާރުން އެކަމުގެ ތެރެއަށް ވަދެ ކަންނެލީގެ ވިޔަފާރީގައި ސަރުކާރުގެ ދައުރު ފުޅާކޮށް، ބޮޑުކަންނެލީގެ މަސްވެރިންނަށް ސަރުކާރުން ވެފައިވާ ވައުދު ވީހާވެސް އަވަހަކަށް ތަންފީޒުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރުން ހުޅުމާލޭގައި ބޮޑުކަންނެލި މަސް ޕްރޮސެސް ކުރަން ގާއިމްކުރާ ފެސިލިޓީގެ އަމަލީ މަސައްކަތް އަންނަ ޖެނުއަރީ މަހުގެ ތެރޭ ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވެފައިވަނީ މިދިޔަ އަހަރު ޖޫން މަހުން ފެށިގެން ކަންނެލި މަސްވެރިން އެންމެ ބޮޑަށް އެދެމުންދިޔަ ގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިރުޝާދާ އެކު މާލެ އޭރިޔާގައި ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމް އެސްޓީއޯއިން ހަމަޖައްސާފައިވާ ކަމަށެވެ.