ބޮޑުކަންނެލި މަސްވެރިން ކުރަމުން އަންނަ އިހުތިޖާޖުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހިމެނޭހެން 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މަސްވެރިން މިހާރު ކުރަމުންދާ އިހުތިޖާޖާ ގުޅިގެން 2 ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އިހުތިޖާޖުގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 3 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ކަމަށެވެ.

އެގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރޭގައި މައުރޫފް ޒާކިރު ހިމެނޭކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މަސްވެރިންގެ މި އިހުތިޖާޖުގައި މައުރޫފް ޒާކިރު އިސްކޮށް ހަރަކާތްތެރިވާކަން ފާހަގަކުރެވެއެވެ.

މަސްވެރިން ކުރަމުންދާ އިހުތިޖާޖުގައި ބިދޭސީން ބައިވެރިވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވަނީ މީގެކުރިން ބުނެފައެވެ. އަދި އެކަން އެގޮތަށް ނުކުރުމަށް ނަސޭހަތްތެރިވެފައިވާނެ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

އެ ދޯނިތަކުގައި މަސައްކަތްކުރާ ބިދޭސީންނާ ގުޅޭ މައުލޫމާތު ހޯދުމަށްޓަކައި ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން މަސައްކަތްކުރަމުންދާ ކަމަށާއި އެ މައުލޫމާތު ހޯދުމަށްޓަކައި އިހުތިޖާޖުގައި ބިދޭސީން ހަރަކާތްތެރިވާކަމަށް ފާހަގަކުރެވިފައިވާ ދޯނިތަކަށް ފުލުހުން އަރާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ބޮޑުކަންނެލި މަސްވެރިންގެ އިހުތިޖާޖު ފަށާފައިވަނީ އިއްޔެ ހުޅުމާލެ ކަންނެލި ޖެޓީއިންނެވެ. އެ އިހުތިޖާޖު ފެށީ ޖުމްލަ 49 މަސްދޯންޏާއެކުގައެވެ. ހުޅުމާލެ ކަންނެލި ޖެޓީ ސަރަހައްދުގައި އިހުތިޖާޖު ކުރުމަށްފަހު މަސްވެރިން ވަނީ އިއްޔެ ހަވީރެއްހާއިރު މަސްވެރިންގެ ޕާކާ ދިމާބޭރު ފަޅު ސަރަހައްދަށް ދޯނިފަހަރުގައި ގޮސް އިހުތިޖާޖު ކުރަންފަށާފައެވެ.

ބޮޑުކަންނެލި މަސްވެރިން އެދެމުންދަނީ މިފްކޯއަށް ބޮޑުކަންނެލި މަސް ގަންނަން ފެށުމާއި 80ރ އާއި 100ރ އާ ދެމެދުގެ އަގެއްގައި މަސްގަތުމުގެ އިތުރުން ކަނޑައެޅިފައިވާ ވަކި ރޭޓެއްގައި ތެޔޮ ގަންނަން ލިބޭނެ މަގުފަހިކޮށްދިނުމަށެވެ.