ބޮޑު ކަންނެލީގެ މަސްވެރިން ކުރަމުން އައި މުޒާހަރާގެ ތެރެއިން ފުލުހުންގެ އެންގުންތަކަށް ބޯނުލަނބައި މުޒާހަރާ ކުރި ސަރަހައްދުން ދަތުރު ކުރި އެހެން އުޅަނދުތަކަށް ހުރަސް އެޅި ކަމަށް ފުލުހުން ބުނެފިއެވެ.

"ދެން ނުވަނެ، ދެން ނުފުރޭނެ". ނަމުގައި ބޮޑު ކަންނެލި މަސްވެރިންގެ ޔުނިއަން އިން އިންތިޒާމްކޮށްގެން ކަނޑުމަތީ ކުރިއަށްގެންދިޔަ މި މުޒާހަރާއާއި ގުޅިގެން ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އިއްޔެއިން ފެށިގެން މަސްވެރިން ކުރަމުން ދިޔަ އިހުތިޖާޖާ ގުޅިގެން ފާއިތުވި 24 ގަޑިއިރު ފުލުހުން ވަނީ އިހުތިޖާޖުގެ ބައިވެރިންނާ އެކިގޮތްގޮތުން މުއާމަލާތްކޮށްފައިވާ ކަމަށެވެ.

އެގޮތުން މުޒާހަރާގައި ބިދޭސީން ބައިވެރިވަމުންދާކަން ފާހަގަކުރެވުމާ ގުޅިގެން އިހުތިޖާޖުގައި ބިދޭސީން ބައިވެރި ނުކުރުމަށާއި އެސަރަހައްދަކީ މާލެ ކައިރީގައި އެންމެ ކާރުބާރުބޮޑު އަދި ގިނަ އުޅަނދުފަހަރު ދަތުރުކުރާ ސަރަހައްދަކަށްވުމާއެކު އެކަމުގެ ސަބަބުން އިއްޔެއާއި މިއަދު ވެސް އެސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރަށް ދަތިތައް ދިމާވަމުންދާތީއާއި މާލެ ކައިރިން ދަތުރުކުރާ އެހެން އުޅަނދުތަކަށް ދަތިނުވާގޮތަށް އަމަލުކުރުމަށާއި އެހެން އުޅަނދުތަކަށް ހުރަސް ނޭޅުމަށާއި މާލެގޭ ފަޅަށް ވަދެ ނުކުމެހަދާ އެހެން އުޅަނދުތަކަށް ހުރަސް ނޭޅުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވި ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ނަމަވެސް ތަކުރާރުކޮށް ފުލުހުންގެ އަންގާފައިވާ މިއެންގުންތަކަށް އިޖާބަ ނުދީ، އެކަންކަމަށް ދެކޮޅުހަދައި، މާލޭ ކައިރިން ދަތުރުކުރާ އެހެން އުޅަނދުފަހަރު ދަތުރުކުރުމަށް ދަތިކޮށް، ހުރަސް އަޅަން މަސައްކަތްކޮށް، މާލޭގެ އުތުރު ފަރާތު ފަޅަށް ނުވަދެވޭނެހެން ސަލާމަތީ ބާރުތަކުން ބަންދުކޮށްފައިވަނިކޮށް ފަޅަށް ވަންނަން މަސައްކަތްކުރުމާއި ފަޅަށް އެކި ބޭނުންތަކަށް ވަދެ ނުކުމެ ހަދާ އުޅަނދުތަކަށް ހުރަސްއަޅަން މަސައްކަތްކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ވެސް މުޒާހަރާގެ ބައިވެރިވި ފަރާތްތަކަށް ތަކުރާރުކޮށް ނަސޭހަތްތެރިވުމުންވެސް އެކަމަށް އިޖާދީފައިނުވާތީއާއި ބިދޭސީން މުޒާހަރާގައި ބައިވެރިވަމުންދާތީ، ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ބިދޭސީންގެ މައުލޫމާތު ހޯދައި ޗެކްކުރުމުގެ މަސައްކަތް ކުރުމަށްޓަކައި މިއަދު މެންދުރު ފަހުން ފެށިގެން ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިވަމުންދިޔަ ބައެއް ދޯނިތަކަށް އަރާފައިވާކަން ފާހަގަކޮށް ފުލުހުން އިތުރަށް ބުނީ، އެ މަސައްކަތް ކުރުމަށްޓަކައި ފުލުހުން ދޯނިތަކަށް އެރުމުން މަސްވެރި ޔޫނިއަނުން ވަނީ އެކަމާ ދެކޮޅު ހަދައި، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅަން މަސައްކަތްކޮށްފައިވާ ކަމަށެވެ.

"އެކަން ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވުމުންވެސް އެކަމަށް އިޖާބަދީފައިނުވާތީ، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތުގެ 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ. އަދި އިހުތިޖާޖުގައި ބައިވެރިވި ދޯނިތަކުގެ ތެރެއިން 3 ދޯންޏެއްވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވޭ" ފުލުހުން ބުނެފައި ވެއެވެ.

ރަސްމީ ފާލަން ދޮށަށް ބޮޑުކަންނެލި މަސްވެރިންގެ އޮޑިދޯނިފަހަރުތައް ކުރަމުންދިޔަ އިހުތިޖާޖާ ގުޅިގެން ސަރުކާރުގެ ފަރާތުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އިއްޔެ ވިދާޅުވީ، ހުޅުމާލޭގައި ތަރައްގީކުރާ ފެސިލިޓީއާއެކު ބޮޑު ކަންނެލި މަސްވެރިކަމަށް ދިމާވެފައިވާ ދަތިތައް ހައްލުވާނެ ކަމަށާއި ރާއްޖޭގެ ކޮންމެ އަތޮޅަކުން މަދުވެގެން އެއް ރަށުން އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމް އަންނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ހަމަޖެހިގެންދާނެ ކަމަށެވެ.

ބޮޑުކަންނެލީގެ މަސްވެރިން ކުރި އެ އިހުތިޖާޖުގައި 50 އެއްހާ މަސްދޯނިތައް ބައިވެރިވެފައި ވެއެވެ.