ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ފޯމާއެކު ހުށައަޅަންޖެހޭ ކުށުގެ ރެކޯޑާއި، ދަރަނީގެ ރެކޯޑު ސާފުކުރުމުގައި ލުއި ގޮތްތަކެއް ހޯދައިދިނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މި ދެ އިންތިހާބުގައި ވާދަކުރަން އެދޭ މީހުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން އިންތިހާބަށް ކުރިމަތިލުމަށް އެދި ހުށަހަޅަންޖެހޭ ތަކެތީގެ ތެރޭގައި ހިމެނޭ ކުށާ، ދަރަނީގެ ރެކޯޑު ސާފުކުރުމުގެ ފުރުސަތު ދުރާލާ ދިނުމަށް ނިނުމަށް ނިންމާފައިވާކަމަށެވެ. އެހެންކަމުން ޑިސެންބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ސާފުކުރާ ކުށުގެ ރެކޯޑާއި ދަރަނީގެ ރެކޯޑު ކޮމިޝަނުން ބަލައިގަންނާނެކަމަށް އީސީންވަނީ ބުނެފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ކުށާ، ދަރަނީގެ ރެކޯޑު ސާފުކުރުމުގެ ފުރުސަތު ކުރިން ދިން ނަމަވެސް، ރިކޯޑު ފޯމުތައް ހުށައަޅަންޖެހޭނީ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލުމުން ކަމަށެވެ.

އިންތިހާބަށް ކުރިމަތިލުމަށް ޝައުގުވެރިވާ ކެންޑިޑޭޓުން ހުށަހަޅަންޖެހޭ ތަކެތީގެ ތެރޭގައި ހިމެނެނީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ރެކޯޑްސް ޕޯޓަލްއިން ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ބޭނުމަށް ނަގާފައިވާ ކުށާއި ދަރަނީގެ ރެކޯޑު، މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްއިން އިންތިހާބަށް ކުރިމަތިލާ މީހާގެ ކުށުގެ ރެކޯޑް ސާފުކުރި ފޯމެވެ.

މީގެ އިތުރުން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީއަށް ފައިސާ ދެއްކުމަށް ދިވެހިރާއްޖޭގެ ކޯޓަކުން ހުކުމެއް ކޮށްފައިވާނަމަ އެ އޮތޯރިޓީން ސާފުކޮށްފައިވާ ދަރަނީގެ ރެކޯޑުވެސް ހުށަހަޅަންޖެހެއެވެ.