ގދ. ތިނަދުއަށް ރޭ ދަންވަރުން ފެށިގެން ވެހުނު ވާރޭގައި ފެންބޮޑުވެ އެކި ވަރުގެ ގެއްލުން ވެއްޖެއެވެ.

ތިނަދޫ ސިޓީ ކައުންސިލުން ބުނީ ފެން ބޮޑުވެފައިވާ ސަރަހައްދުތަކުން ފެން ހިންދުމުގެ މަސައްކަތް ސިޓީ ކައުންސިލާއި އެމްއެންޑީއެފްގެ އެހީތެރިކަމާ އެކު ރެއިން ފެށިގެން ކުރަމުން އަންނަ ކަމަށެވެ.

ބޯކޮށް ވާރޭވެހި ތިނަދޫ ސިޓީގެ މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ތިނަދޫ ފަޔަރު ސްޓޭޝަންގެ ފަޔާފައިޓަރުން ހަރަކާތްތެރިވަމުން އަންނަކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

މި ހާދިސާގައި ފެން ވަނީ ސީދާ ކިތައް ގެއަށް ކަމެއް އަދި ސާފުވެފައި ނުވާއިރު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯތަކުން އެ ރަށުގެ ގޭގެއާއި، ކޮޓަރިއަށް ފެންވަދެ ހިފާ ގެންގުޅޭ ސާމާންތަކައް ގެއްލުންވެފައިވާ މަންޒަރު ފެނެއެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން ސަލާމަތީ ފިޔަވޅުތައް އަޅައި، ރައްކާތެރިވުމަށް ކަމާއި ބެހޭ އިދާރާތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ.