ކައްކާ ގޭހުގެ ވިޔަފާރި ކުރުމަށް ގދ. ތިނަދޫން އަމިއްލަ ކުންފުންޏަކަށް ނާޖާއިޒު ފައިދާވާ ގޮތަށް ގަވާއިދާ ހިލާފަށް ބިންތަކެއް ދޫކުރި މައްސަލައިގައި، ތިނަދޫ ސިޓީ ކައުންސިލްގެ މިހާރުގެ މޭޔަރު ސައުދު އަލީ އާއި ކުރީގެ ތިން ކައުންސިލް މެންބަރެއްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވަން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފިއެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބުނީ މި މައްސަލައިގައި ދައުވާކުރުމަށް ނިންމާފައިވަނީ ތިނަދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ މޭޔަރު ސައުދު އަލީގެ އިތުރުން، އެ ދައުރުގެ ކައުންސިލް މެންބަރުން ކަމުގައިވާ އާމިނަތު ނަސީމާ، އަހުމީމާ އަހްމަދު އަދި އާއިޝަތު ލިއުޝާ ޒުބައިރުގެ މައްޗަށެވެ. އެ ފަރާތްތަކުގެ މައްޗަށް އުފުލުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ.
އޭސީސީން ހާމަކުރި ގޮތުގައި، ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު ބަޔާންކުރާ ގޮތުން، ބީލަމަށް ހުޅުވާނުލައި ސިނާއީ ނުވަތަ ވިޔަފާރީގެ ބޭނުމަށް ބިން ދޫކުރުމަކީ މަނާކަމެކެވެ. އެހެންނަމަވެސް، ތިނަދޫ ކައުންސިލްގެ 111 ވަނަ ރަސްމީ ބައްދަލުވުމުގައި، އާންމުކޮށް އިއުލާނުކުރުމަކާ ނުލައި އެ ކުންފުންޏަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ ގޮތުން ބިމެއް ދޫކުރުމަށް މެންބަރުން ކަމަށްވާ އާމިނަތު ނަސީމާ، އަހުމީމާ އަހްމަދު އަދި އާއިޝަތު ލިއުޝާ ޒުބައިރު ވަނީ ތާއީދުކުރައްވާފައެވެ.
މީގެއިތުރުން، 1 ނޮވެންބަރު 2023 ގައި ކައުންސިލްގެ ފަރާތުން ސައުދު އަލީ ސޮއިކުރައްވައި އެ ކުންފުންޏާއެކު ވެވުނު އެއްބަސްވުމުގެ ދަށުން، ނިންމުމުގައި ހިމެނޭ ބިމުގެ އިތުރަށް، 2000 އަކަފޫޓުގެ އިތުރު 3 ބިން ވެސް ގަވާއިދާ ހިލާފަށް އެ ކުންފުންޏަށް ވަނީ ދޫކޮށްފައެވެ.
މި މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް، ޝަރީއަތަށް ހުށަހެޅުމަށްޓަކައި ޕީޖީ އޮފީހަށް މައްސަލަ ފޮނުވުމަށް އޭސީސީން ނިންމާފައިވަނީ 10 ސެޕްޓެމްބަރު 2026 ގައެވެ.
