ހަގީގީ ހާދިސާއަކުން ލިބޭ ގެއްލުމަކަށް ވުރެ ނޭނގި ފަތުރާ ދޮގު މައުލޫމާތުގެ ސަބަބުން ލިބޭ ގެއްލުންތައް ބޮޑުވެދާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ގައުމީ ޔުނިވާސިޓީގެ ބެޗްލާ އޮފް އާޓްސް އިން މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ކޯހުގެ ދަރިވަރުންތަކެއް އިސްނަގައިގެން ކުރިއަށްގެންދާ "ނޯ ކެޕް ޖަސްޓް ފެކްޓްސް" ކެމްޕެއިންގެ ދަށުން ލިބޭ މައުލޫމާތުގެ ތެދު ދޮގު ކަށަވަރުކުރާނެ ގޮތްތައް ކިޔައިދިނުމަށް ބޭއްވި ފޯރަމް ޝަރަފުވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ މި ފަދަ މުޖުތަމައުއެއްގައި "ނޯ ކެޕްސް ޖަސްޓް ފެކްޓްސް"ގެ ނަމުގައި ކެމްޕެއިނަކަށް އިސްނެގުމަކީ, ރަނގަޅާ ދިމާލަށް ދިއުމުގެ ފެށުމެއް ކަމަށެވެ. މީގެ ޒަމާންތަކެއްގެ ކުރިން 100000 މީހުންނަށް ވާހަކައެއް ހިއްސާކުރަން އަހަރު ދުވަސް ނަގާނެ ކަން ފާހަގަ ކުރައްވައި އިހްސާން ވިދާޅުވީ އެއް ސިކުންތުގެ ތެރޭގައި މިހާރު އެކަން ހާސިލްވާ ކަމަށެވެ.

"ކުރިން އެއް ލައްކަ މީހުންނަށް ވާހަކަ ސްޕްރެޑް ކުރަން ނަގާ އެއް އަހަރުގެ ތެރޭގައި އޭގެ ހަގީގަތް ހާމަކުރުމަށާއި އެ މައުލޫމާތު ރަނގަޅުކުރުމަށާއި އެއަށް ޓެކުލް ކުރުމަށް ހަމަ އެބަ ލިބޭ އެއް އަހަރު ދުވަސް. މިހާރު ޓެކުލްކުރަން އޭނާއަށް އެ މައުލޫމާތު ލިބޭއިރު އޮންނަނީ ސްޕްރެޑްވެފައި." މިނިސްޓަރު ވިދާޅުވި އެވެ. ގާނޫނުގެ ދަށުން މައުލޫމާތު ހޯދުމަށް ފަހިވެފައި ވަނީ ރަނގަޅު ފުރުސަތެއްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވަނީ އެ ހައްގުގެ ބޭނުން ޒިންމާދާރުކަމާ އެކު ބޭނުންކުރުމަށް ބާރުއަޅުއްވާފައެވެ.

އާޓްސް ސްކޫލުގެ ދަރިވަރުން އިންތިޒާމު ކުރި ފެނަލް ޑިޝްކަޝަންގެ ތެރެއިން / ފޮޓޯ: އާޓްސް ސްކޫލު ދަރިވަރުން

ފެކަލްޓީ އޮފް އާޓްސްގެ ޑީން އާސިމް އަބްދުއްސައްތާރު ވިދާޅުވީ ދުނިޔޭގައި ކަންކަން ބަދަލުވާ ވަރަކަށް ޔުނިވާސިޓީތަކުގައި ކިޔަވައިދޭ ކޯސްތަކަށް ވެސް ބަދަލު އަންނަން ޖެހޭ ކަމަށެވެ. އެގޮތަށް, އެމްއެންޔޫގައި މީގެ ކުރިން ނޫސްވެރިން ތަމްރީނުކުރަމުން ދިޔަ ކޯސް, ޖާނަލިޒަމް ކޯހަށް ބަދަލުތަކެއް ގެނެސް, އަލަށް މި ފެށި މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ކޯހަކީ އެ އުސޫލުން ގެނައި ބަދަލެއް ކަމަށް ޑީން ވިދާޅުވި އެވެ. އިތުރަށް އާސިމް ވިދާޅުވީ އެ ބެޗުގެ ޑިގްރީއަށް މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނަކީ އެމްއެންޔޫގެ ތާރީހުގައި މުހިއްމު ސޮފުހާއެއްގައި ތިބި ދަރިވަރުންތަކެއް ކަމަށެވެ. ޔުނިވާސިޓީގައި ކިޔަވައިދޭ އެއްޗެހި ދަސްކޮށް, އަމަލީ މައިދާނުގައި އެ ބޭނުންކޮށް އަދި އިތުރަށް މުޖުތަމައުއަށް ފައިދާ ހުރި ކަންކަން ކޮށްދިނުމަކީ ބޭނުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދަރިވަރުން އެ ކިޔަވާ އެއްޗެއްގެ އަމަލީ ތަޖުރިބާ ވަރަށް ރަނގަޅަށް, މުޖުތަމައުއަށް ފައިދާ ހުރި ކަމެއް ކޮށްދޭން ކޮމިއުނިކޭޝަން ކެމްޕެއިނެއް އެ ހިންގީ." އާސިމް ވިދާޅުވި އެވެ.

މި ފޯރަމުްގައިމާލޭގެ އެކި ސްކޫލުތަކާއި އެމްއެންޔޫގެ އެކި ކޯސްތަކުގެ ދަރިވަރުންނާއެކު މި ފޯރަމުގައި 80 އެއްހާ ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މި ފޯރަމްގެ ތެރެއިން ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަންގައި ބައިވެރިވި ބޭފުޅުން ވަނީ ނޭނގި ފަތުރާ ދޮގު މައުލޫމާތާއި ގަސްތުގައި ފަތުރާ ދޮގު މައުލޫމާތުގެ ތަފާތާއި އެ ފަދަ މައުލޫމާތުތައް ދެނެގަންނާނެ ގޮތްތައް ބައިވެރިންނަށް ކިޔައިދެއްވާފައި ވެއެވެ.

މި ފޯރަމްގެ ޕެނަލް ޑިސްކަޝަންގައި ބައިވެރިވީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭގެ) ގެ އެކްސްކޯ މެންބަރު މުހައްމަދު މާހިލް އާއި ވިމެން އިން ޓެކްގެ ފައުންޑާ އާއިޝާ އަދުނާން އާއި އެމްއެންޔޫގެ ވިޒިޓިން ލެކްޗަރާ އަހްމަދު އަފްރު ރަޝީދު އަދި އައިކޮމްގެ ކުރީގެ ލީގަލް ޑިރެކްޓަރު އާއިޝަތު އިޝާ އެވެ.

ދޮގު މައުލޫމާތު ފެތުރުން މަދުކުރުމަށް ސްކޫލު ނިންމާ ދަރިވަރުންނާއި ކޮލެޖު/ޔުނިވާސިޓީތަކުގައި ކިޔަވަމުން އަންނަ ދަރިވަރުން ހޭލުންތެރި ކުރުވުމަކީ މި ކެމްޕެއިނުގެ މައިގަނޑު މަގްސަދުކަމަށް ގައުމީ ޔުނިވާސިޓީން ވަނީ ބުނެފައެވެ.