ފުވައްމުލައް ސިޓީގެ ފެން ތަޣައްޔަރުވި މައްސަލަ މިހާރު ހައްލުކުރެވިފައިވާ ކަމަށާއި، މިހާރު ކުރަމުންދަނީ ފެން ލީކްވުމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތްކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެމުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ވިދާޅުވީ، ފުވައްމުލަކަށް ފެނުގެ މައްސަލަ ކުރިމަތިވީ ފެނުގައި ތަޣައްޔަރުކަމެއް ހުރުމުން ކަމަށާއި މިމައްސަލަ ހައްލުކުރުމަށް މުޅި ޕްލާންޓް ފްލަޝްކޮށްފައިވާކަމަށެވެ. އަދި ޕްލާންޓް ސާފުކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާކަން ހާމަކޮށް ނަޖާހު ވިދާޅުވި މައްސަލަ ހައްލުކޮށް، ފެން އުފެއްދުމުގެ މަސައްކަތްވެސް ނިމިފައިވާކަމަށެވެ. ފެން ދޫކުރުމުގެ ކުރިން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ ހިމެނޭހެން ހަދާ ބައެއް ތަހުލީލުތައް ކުރިއަށްދާތީ އަދި ފެން ދޫނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ނަޖާހު ވިދާޅުވީ ޕްލާންޓްގެ ނެޓްވޯކްގައި ފެން ލީކްވުމުގެ މައްސަލައެއް އުޅޭތީ އެކަން ހައްލުކުރުމުގެ މަސައްކަތްތައްވެސް މިހާރު ކުރިއަށްދާ ކަމަށެވެ. އެހެންކަމުން ފެނުގެ ނަތީޖާ ލިބި އަދި ލީކޭޖްގެ މައްސަލަ ހައްލުވެ، މިއަދު އިރުއޮއްސުމާ ހަމައަށް ފެނުގެ ހިދުމަތް އަލުން ގުޅުމަށް މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
ފުވައްމުލަކު ސިޓީއިން ސަޕްލައި ފެނުގެ ހިދުމަތް މެދުކެނޑިފައިވަނީ މި މަހުގެ 10 ވަނަ ދުވަހުގެ ވަގުތެއްގައެވެ. ފެނުގެ މި މައްސަލަ ކުރިމަތި ވުމާއެކު ކަނޑާއި ވައިގެ މަގުން ފުވައްމުލައް ސިޓީއަށް ބޯފެން ފޯރުކޮށްދިނުމާއި އަދި ބޭނުންވާ އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ސިފައިންނާ ފުލުހުން އަންނަނީ ކުރަމުންނެވެ.
