ފުވައްމުލަކު ސިޓީގައި ހޭންޑްބޯލް ކޯޓަކާއި ފުޓްސަލް ދަނޑެއް ތަރައްގީކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އިން ޕްރޮކްސީ ގްރޫޕް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

މި ދެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ހެނދުނު ޔޫތު މިނިސްޓްރީގައެވެ. މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓާ އަލީ ނިޒާރެވެ. އަދި ޕްރޮކްސީ ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އަހްމަދު ޝާހިދެވެ.

މި އެއްބަސްވުމުގެ ދަށުން ފުވައްމުލަކުގައި ހޭންޑްބޯލް ކޯޓު ތަރައްގީކުރުމުގެ މަސައްކަތް ޕްރޮކްސީ ގްރޫޕާ ހަވާލުކޮށްފައިވަނީ 1،997،595.71 ރުފިޔާ އަށެވެ. އަދި މި މަސައްކަތް 90 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.

މީގެއިތުރުން، އެ ސިޓީގައި ފުޓްސަލް ދަނޑު ތަރައްގީކުރުމުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 2،079،384.71 ރުފިޔާ އަށެވެ. މި މަޝްރޫއުވެސް 90 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެއްބަސްވެފައެވެ.

މި މަޝްރޫއުތަކަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރުގެ ވަސީލަތްތައް ގާއިމުކޮށް، ޒުވާނުންނަށް ކުޅިވަރު ކުޅުމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގޭ ދެ މަޝްރޫއެވެ.

ޔޫތު މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި، ރާއްޖޭގެ އެކި ރަށްރަށުގައި ކުޅިވަރު ވަސީލަތްތައް ތަރައްގީކުރުމުގެ ގޮތުން މިހާރު ވެސް 15 ރަށެއްގައި ފުޓްސަލް ދަނޑު އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި މީގެ އިތުރުން 3 ރަށެއްގައި ހޭންޑްބޯލް ކޯޓު ތަރައްގީކުރުމުގެ މަސައްކަތްވެސް ބާރަށް ކުރިއަށްދާ ކަމަށް އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.