އައްޑޫސިޓީގެ ހުޅުދޫ އާއި މީދޫގެ އިތުރުން ފުވައްމުލައްސިޓީގެ ފެނާއި ނަރުދަމާގެ ހިދުމަތް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން މޯލްޑިވްސް ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އަށް ބަދަލުކުރުމުގެ ފްރޭމްވޯކް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން މި ދެ ކުންފުނި ގުޅިގެން މަސައްކަތްކޮށް، އެ ސަރަހައްދުތަކުގައި ފެނާއި ނަރުދަމާގެ ހިދުމަތް މެދުކެނޑުމެއްނެތި ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް މަގުފަހިވާނެއެވެ. މި އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފް ހަސަން އެވެ. އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ފަހުމީ ވިދާޅުވީ، އަންނަ މަހުގެ 13 ވަނަ ދުވަހުގެ ކުރިން މި ހިދުމަތްތައް ބަދަލުކުރުމުގެ މަސައްކަތްތައް ނިންމާނެ ކަމަށާއި، އޭގެ ފަހުން ފުވައްމުލަކާއި އައްޑޫގައި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުން އެމްޑަބްލިއުއެސްސީން ފަށާނެ ކަމަށެވެ. މިއީ ފެނަކައިގެ ހިދުމަތް ދޭ ބައެއް ރަށްރަށުގެ ހިދުމަތްތައް އެމްޑަބްލިއުއެސްސީ އާއި ސްޓެލްކޯގެ ދަށަށް ބަދަލުކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ނިންމެވުމުގެ ބައެއް ކަމަށް ވެސް ފަހުމީ ފާހަގަކުރެއްވިއެވެ.

ފެނަކައިގެ އެމްޑީ އަފީފް ވިދާޅުވީ، ހިދުމަތްތައް އެމްޑަބްލިއުއެސްސީގެ ދަށަށް ބަދަލުކުރަން ދެ ކުންފުނިން މަސައްކަތް ކުރަނީ ވަރަށް ބޮޑަށް ގުޅިގެން ކަމަށެވެ. "މި އެއްބަސްވުމުގެ ދަށުން ދެބައި މީހުން ސައިޓްތަކަށް ޒިޔާރަތް ކުރުމާއި ސައިޓްތައް ބެއްލެވުމާއި ސާވޭ ކުރެއްވުމާއި މިހެން ގޮސް ބައިވަރު ކަންކަން އަދި ހަމަޖެހިގެންދާނެ،" އޭނާ ވިދާޅުވިއެވެ.

މި އެއްބަސްވުމުގައި ސޮއި ކުރި އިރު، ދައުލަތުގެ ހަރަދުތައް ކުޑަކޮށް، ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ފެނަކަ ކޯޕަރޭޝަން އުވާލައި ސްޓެލްކޯގެ ދަށަށް މަސައްކަތް ހަވާލު ކުރުމަށް މި ސަރުކާރުން ނިންމައި އެކަން މި މަހުގެ 7 ވަނަ ދުވަހު ވަނީ އިއުލާން ކޮށްފައެވެ.. މިކަން ހާމަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ، ވޭތުވެދިޔަ ސަރުކާރުގައި ފެނަކައިގެ ބޭނުން ނަހަމަ ގޮތުގައި ހިފާފައިވާ މިންވަރު އޮޑިޓާ ޖެނެރަލްގެ ރިޕޯޓުން ވަރަށް ސާފުކޮށް ފެންނަން އެބައޮތް ކަމަށެވެ. އެގޮތުން ފެނަކައިގެ ހިންގުން ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ނަމަވެސް، އެއީ ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅު ކުރެވޭނެ ކަމެއް ނޫން ކަމަށް ފަންނީ ބޭފުޅުން ލަފާދެއްވާފައިވާ ކަމަށެވެ..

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އިގްތިސޯދު އޮތް ބިރުވެރި ހާލަތު ބަޔާންކޮށްދެއްވަމުން އެމަނިކުފާނު ވަނީ، ސަރުކާރާ ހަވާލުވިއިރު ބޭރަށް ދައްކަން ހުރި ދަރަނި 120 ބިލިއަން ރުފިޔާއަށް އަރާ ކަމަށް ވިދާޅުވެފައެވެ. އަދި ރައްޔިތުން ލައްވާ ކުންފުނިތަކުންނާއި މިނިސްޓްރީތަކުން ކުރުވާފައި ހުރި މަސައްކަތްތަކަށް ދޭން ހުރި ބިލުތަކުގެ އަދަދު 9 ބިލިއަނަށް އަރާފައިވާއިރު، އޭގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަކީ ހަމައެކަނި ފެނަކައިން އެކި ފަރާތްތަކަށް ދޭން ހުރި ދަރަންޏެވެ.

އޮޑިޓާ ޖެނެރަލް އޮފީހުން ތައްޔާރުކުރި ހާއްސަ އޮޑިޓް ރިޕޯޓުން ހާމަވާ ގޮތުގައި، 2018 ވަނަ އަހަރުގެ ނިޔަލަށް ފެނަކައިގެ ޖުމްލަ ދަރަނީގެ އަދަދަކީ 796.6 މިލިއަން ރުފިޔާއެވެ. ނަމަވެސް، 2023 ގެ ނިޔަލަށް އެ އަދަދު ވަނީ 3,896,238,960 (3.8 ބިލިއަން) ރުފިޔާއަށް އަރާފައެވެ. މިއީ 389 ޕަސެންޓުގެ ބިރުވެރި އިތުރުވުމެކެވެ.

ފެނަކައިން ނުދައްކާ ހުރި ބިލުތަކުގެ ތެރޭގައި މުދަލާއި ހިދުމަތް ހޯދުމަށްފަހު އެކި ފަރާތްތަކަށް ދައްކަންޖެހޭ 2.99 ބިލިއަން ރުފިޔާ ހިމެނެއެވެ. އޭގެ ތެރޭގައި އެފްއެސްއެމް (ތެލުގެ ބިލު) އަށް ނުދައްކާ ހުރި 1.78 ބިލިއަން ރުފިޔާ (ނުދައްކާ ހުރި ފައިސާގެ 59 ޕަސެންޓް) އާއި ރާއްޖޭގެ އަމިއްލަ ފަރާތްތަކަށް ދައްކަންޖެހޭ 955.5 މިލިއަން ރުފިޔާ އަދި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ދައްކަންޖެހޭ 241.9 މިލިއަން ރުފިޔާ ހިމެނެއެވެ. މީގެ އިތުރުން ކުންފުނިން ނެގި ލޯނުތަކާއި ކްރެޑިޓް ފެސިލިޓީތަކަށް 2023 ގެ ނިޔަލަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 165.5 މިލިއަން ރުފިޔާ ނުދައްކާ ހުއްޓެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ދަރަނި މިހާ ބޮޑަށް އިތުރުވީ ބޭނުންވާ މިންވަރަށްވުރެ އިތުރަށް މުވައްޒަފުން ވައްދައި މުސާރައަށް ކުރާ ހޭދަ ބޮޑުވުމުގެ ސަބަބުންނެވެ. އެހެންކަމުން، ކުންފުނި ސަލާމަތްކުރުމަށްޓަކައި މުވައްޒަފުންގެ އަދަދު މަދުކުރުން ނުވަތަ "ރައިޓް ސައިޒް" ކުރުން ވަނީ ކޮންމެހެން ކުރަންޖެހޭ ކަމަކަށް ވެފައެވެ.