ބޭންކް އޮފް މޯލްޑިވްސް އިން ފަސޭހަ އަދި އަވަހަށް ޓްރާންސްފާ ކުރެވޭ ގޮތަށް ޕޭއެމްވީ ކިއުއާރުގެ ހިދުމަތް ފަށައިފިއެވެ.

ބީއެމްއެލް އިން ބުނީ މި ފީޗާއިން ބޭންކުގެ މޮބައިލް ބޭންކިން އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ފައިސާ ފޮނުވަން ބޭނުންވާ ފަރާތުގެ ކިއުއާރު ކޯޑު ސްކޭންކޮށްގެން ފައިސާ ފޮނުވައި އަދި ފައިސާ ބަލައިގަނެވޭނެ ކަމަށެވެ.

އެ ބޭންކުން މި ހިދުމަތް ތައާރަފުކުރުމާއެކު ބޭންކް އޮފް މޯލްޑިވްސް ވެގެންދާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އައު މޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޑިވެލޮޕްމަންޓް (އެމްޕީއެސްޑީ) މަޝްރޫއުގެ ދަށުން ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަކުރި ފުރަތަމަ ބޭންކަށެވެ.

ބީއެމްއެލް އިން ބުނީ މި މުހިންމު ކާމިޔާބީއިން، ރާއްޖޭގެ ޕޭމަންޓް ޓެކްލޮޖީ ކުރިއަރުވައި، ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަށް ބޭންކުން ދޭ އަހުމިއްޔަތުކަން ހާމަވެގެން ދާކަމަށެވެ. ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ޕޭމަންޓް ހިދުމަތްތައް ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަށް، އައު ޕޭމަންޓް ސްޓޭންޑާޑްއާ އެއްގޮތަށް ހިދުމަތް ފޯރުކޮށްދިނުމަށް މަރުކަޒީ ބޭންކުން އިރުޝާދު ދީފައިވާކަމަށެވެ.

"ރާއްޖޭގައި ޕޭމަންޓް ހިދުމަތް ފޯރުކޮށްދޭ ރާއްޖޭގެ އެންމެ އިސް މާލީ އިދާރާ ގެ ހައިސިއްޔަތުން، މި މަޝްރޫއަށް އަމަލުކުރަން ފެށުމުގެ ފުރަތަމަ ފިޔަވަޅު ބޭންކުން އެޅުމަކީ އަޅުގަނޑުމެން އުފާކުރާ ކަމެއް." ޝަރީފް ވިދާޅުވިއެވެ.

މިހާރު ކިއުއާރު ކޯޑު ސްކޭންކޮށްގެން އެކައުންޓުތަކުން ފައިސާ ފޮނުވައި، އަދި ކިއުއާރު ކޯޑު ޖެނެރޭޓް ކޮށްގެން ފައިސާ ބަލައިގަނެވޭނެކަން ފާހަގަކޮށް ޝަރީފް ވިދާޅުވީ މި އާ ފީޗާއާއެކު ކަސްޓަމަރުންނަށް ލިބޭ ބޭންކިން އެކްސްޕީރިއެންސް އިތުރަށް ފުރިހަމަވެގެންދާނެ ކަމަށެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 202 ސެލްފްސާވިސް ބޭންކިން ސެންޓަރާ، 262 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުންކަން އެ ބޭންކުން ވަނީ ފާހަގަކޮށްފައެވެ.