ސަރުކާރުން މިދިޔަ ބުރާސްފަތި ދުވަހު އަމިއްލަ ކުންފުނިތަކަށް، ބީލަމަށް ނުލާ ދިން 206 މަޝްރޫއެއްގެ މައްސަލަ އެމްޑީޕީން މިއަދު އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިފިއެވެ.

އަމިއްލަ 53 ކުންފުންޏަކާއި ހަވާލުކޮށްފައިވާ މި މަޝްރޫއުތަކުގެ މައްސަލަ، އެމްޑީޕީން އޭސީސީއަށް ހުށަހެޅީ، ކުންފުނިތަކުން އެ މަޝްރޫއު ކުރިއަށް ގެންދިޔަ ނުދީ، ކޯޓު މެދުވެރިކޮށް ހިފަހައްޓައިދިނުމަށް އެދިއެވެ. އެ މަޝްރޫއުތައް އަވަސް އަރުވާލައިގެން ފެށުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތުކޮށް އެމްޑީޕީން ބުނީ މައްސަލަ ހުށަހެޅީ، ސީރިއަސް އަދި އަވަސް މައްސަލައެއްގެ ގޮތުގައި އެކަން ބަލައިދިނުމަށް އެދި ކަމަށެވެ.

އިތުރަށް އެމްޑީޕީން ބުނީ މި ފަދަ މައްސަލަތައް ތަހުގީގުކޮށް، ހުއްޓުވުމަށް ކޯޓަށް ހުށަހެޅެނީ ތަހުގީގީ އިދާރާތަކަށް ކަމަށާއި އޭސީސީއަށް މައްސަލަ ހުށަހެޅީ ވެސް އެ މަގުސަދުގައި ކަމަށެވެ. ކުންފުނިތަކަށް އެޑްވާންސް ފައިސާ ދިނުމުގެ ކުރިން މަޝްރޫއުތައް ހުއްޓުވައި ދިނުމަށް އެމްޑީޕީން އެދިފައިވާއިރު މިކަމާއި ގުޅިގެން ކަންބޮޑުވުންފާޅުކޮށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ހޯރަފުށި ދާއިރާގެ ރައީސް އަހްމަދު ސަލީމް ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހަށް ގަރާރެއްވެސް ހުށަހަޅާފައެވެ.

މި ގަރާރުގައި ސަލީމް ވިދާޅުވީ ސަރުކާރުން 206 ކުންފުންޏަކާ މަޝްރޫއުތައް ހަވާލުކުރީ އިއުލާނުކުރުމެއް ނެތި ކަމަށެވެ. ސަރުކާރާ ގުޅުންހުރި ފަރާތްތަކުގެ ކުންފުނިތައް ފިޔަވައި އެހެން ކުންފުނިތަކަށް ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު ނުދިންކަން ފާހަގަކޮށް މި ގަރާރުގައި ވަނީ ސަރުކާރުން މަޝްރޫއުތައް ދިން ކުންފުނިތަކުގެ ތެރޭގައި ކޮންޓްރެކްޓަރުންގެ ދަފްތަރުގައި ނުހިމެނޭ، އުވާލުމުގެ މަރުހަލާގައިވާ ކުންފުނިތައް ހިމެނޭ ކަމަށެވެ.