ސްރީލަންކާގެ މަސްބޯޓާއި، އެ ބޯޓުން ފެނުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފިއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަަހައްދުގައި ގަވާއިދާ ހިލާފަށް ހަރަކާތްތެރިވި ލަންކާގެ ބޯޓެއް އެމްއެންޑީއެފްގެ އެއާ ކޯއިން ޑްރޯންގެ އެހީގައި ހޯދާ، ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

އެކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން މިރޭ އެމްއެންޑީއެފް އިން ބުނީ، ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ލަންކާ މަސް ބޯޓާއި، އެ ބޯޓުން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ބޯޓުގައި ތިބި މީހުންގެ ވަނަވަރާއި އަތުލައިގަތީ ކިހާ އަދަދެއްގެ މަސްތުވާތަކެތި ކަމެއް އެމްއެންޑީއެފްއިން ހާމަކޮށްފައި ނުވެއެވެ.

ނަމަވެސް ލަންކާގެ ނޫހެއްގައި ރިޕޯޓުކޮށްފައިވާ ގޮތުން އެ ބޯޓުގައި ހަ މަސްވެރިން ތިބިއެވެ. އަދި އެ ބޯޓުން އަތުލައިގަތީ ގާތްގަނޑަކަށް 300 ކިލޯގެ ހެރޮއިން އާއި އައިސް (ކްރިސްޓަލް މެތު) ކަމަށް ލަންކާ ފުލުހުންނާ ހަވާލާދީ އެ ނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.

މީގެ އިތުރުން ވެސް އެ ބޯޓު އެމްއެންޑީއެފުން އަތުލައިގަތީ ލަންކާގެ ކޯސްޓްގާޑުން ފޯރުކޮށްދިން އިންޓަލިޖެންސް މައުލޫމާތަކާ ގުޅިގެން ކަމަށް އެ ނޫހުގައި ވެއެވެ.